ޣައްޒާގެ ބިމަކީ ފަލަސްތީނުގެ މިލްކެއް، އެ ބިމުން ގާޒާގެ ރައްޔިތުން ބާލަން ރާއްޖެއިން ތާއީދު ނުކުރާނެ: ރައީސް

ޣައްޒާގެ ބިމަކީ ފަލަސްތީނުގެ މިލްކެއް، އެ ބިމުން ގާޒާގެ ރައްޔިތުން ބާލަން ރާއްޖެއިން ތާއީދު ނުކުރާނެ: ރައީސް

ޣައްޒާގެ ބިމަކީ ފަލަސްތީނުގެ ރައްޔިތުންގެ މިލްކެއްކަމަށާއި، އެ ބިމުން ރައްޔިތުން ބޭލުމަށް އެއްވެސް ފަރާތަކުން ކުރާ މަސައްކަތަކަށް ރާއްޖެއިން ދުވަހަކުވެސް ތާއީދު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖެ އަބަދުވެސް އިސްކުރާނީ އަމާންކަން ކަމަށާއި، އެހެން ޤައުމުތަކުގެ ބިންތައް ހިފައިގަތުމާއި، ފުރާނައަށް ގެއްލުންދިނުމާއި، އިންސާނީ ކަރާމާތަށް އަރައިގަތުން ފަދަ ޖަރީމާތައް ރާއްޖެ އެއްގޮތަކަށްވެސް ބަލައެއް ނުގަންނާނެ ކަމަށެވެ.

ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅެމުންދާ ދެ މިލިއަން ރައްޔިތުން އެ ބިމުން ބޭލުމަށްފަހު އެ ތަން ވެރިކޮށްލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަދައްކާފައިވާ ކަން ފާހަގަކުރެވެއެވެ. ޓްރަމްޕް ވަނީ ޣައްޒާއާ އަވަށްޓެރި ގައުމުތައް ކަމުގައިވާ މިސްރާއި އުރުދުނަށް ޣައްޒާގެ ރައްޔިތުން ގެންދާ ތަން ދެކެން ބޭނުންވާކަމަށް ބުނެފައެވެ. އަދި ޣައްޒާގެ ރައްޔިތުން އެ ބިމުން ފައިބަން އެ ރައްޔިތުންވެސް ބޭނުންވެފައި ތިބި ކަމަށާއި އެމީހުންވެސް އެކަމާ އުފާކުރާނެ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ އެޕްލިކޭޝަނަށް ރާއްޖެއިން ތަދައްޚުލުވުމަށް ނިންމައި، ފާއިތުވި އަހަރު ޑެކްލަރޭޝަން އޮފް އިންޓަވެންޝަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދ. އާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ދުނިޔޭގެ އެކި ގައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި 2024 ވަނަ އަހަރުގެ ޑިސެންބަރު 19 ވަނަ ދުވަހު އދ.ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރު ދިވެހިރާއްޖެއިން ކޯ ސްޕޮންސަރ ކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ 1967 ގެ ކުރީގެ ބޯޑަރުތަކަށް ތަބާވެ، އިރުމަތީ ޖެރޫސަލަމްއަކީ ފަލަސްތީނުގެ ވެރިރަށްކަމުގައި ޤަބޫލުކޮށް، ފަލަސްތީނުގެ ވަކި ދައުލަތެއް އުފެއްދުމަށް ކަމަށެވެ. އަދި ވަކި ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީނު ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދޭނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *