ރަމަޟާން މަހަށް ތައްޔާރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، އާންމު ރައްޔިތުން ގޭތެރެއާއި އެކި ސަރަޙައްދުތައް ސާފުކޮށް ޒީނަތްތެރިކުރުމުގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ކުނި އުފެދޭ ކަމަށާއި، މިގޮތަށް އުފެދޭ ކުނި ގިނަ ފަހަރަށް ރަށްރަށާއި ސިޓީތަކުގެ މަގުމައްޗަށާއި ދުވާރުމައްޗަށް ނެރެ ބެހެއްޓުމަކީ އާދަޔަކަށް ވެފައިވާއިރު، މި ކަން އިތުރަށް ބޮޑުވެފައިވަނީ ފަހަކަށް އައިސް ގޭބިސީތަކުންނާއި ފިހާރަތަކުން އުފެދޭ އާންމު ކުނިވެސް މަގުމައްޗަށް ނެރެން ފެށުމުންނެވެ.
މި ކަމަކީ ސިއްޙީ ގޮތުން ބޮޑެތި މައްސަލަތަކެއް ދިމާވެދާނެ ކަމަކަށްވުމާއެކު، މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައް ކުރިމަތިވާނެ ކަމެކެވެ. އެހެންކަމުން އީޕީއޭ އިން ވަނީ މަގުމައްޗަށާއި ހުސްބިންތަކަށް އަދި އާންމު ސަރަހައްދުތަކަށް ކުނި ނޭޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގެދޮރު ސާފުކުރުމުގައި، ކުރިއާލައި ރަށު ފެންވަރުގައި ކުނި މެނޭޖުކުރާ ފަރާތްތަކާ ނުވަތަ ސިޓީތަކުގައި ނަމަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ގުޅިގެން ކުނި ނައްތާލުމުގެ އިންތިޒާމު ހަމަޖެއްސުމަށް އެދިފައިވެއެވެ.
އަދި ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ ދަށުން، ތިމާވެށި ތަޣައްޔަރުވާ ނުވަތަ ތަޣައްޔަރުވެދާނެ ގޮތަކަށް ކުނި ގެންގުޅުމާއި، އުފުލުމާއި، ނައްތާލުމަކީ މަނާކަމެކެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ކުނި މެނޭޖުކުރުމާބެހޭ ޤާނޫނާ އެއްގޮތަށް ޢަމަލުކޮށް، އާންމު ސަރަޙައްދުތަކަށް ކުނި އުކާލުމުގެ ބަދަލުގައި، އެތަންތަން ސާފުކޮށް ބޭއްވުމަށް އީޕީއޭ އިން އިލްތިމާސްކުރެއެވެ.