ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 36،000 އަށްވުރެ މަތީގައި!

ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 36،000 އަށްވުރެ މަތީގައި!

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އާންމުކުރި އެންމެ ފަހުގެ ރިޕޯޓުގައި ދައްކާގޮތުން، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 36,753 އަށް އިތުރުވެފައިވެއެވެ.

ޕީސީބީން އާންމުކުރި އެސްއޯއީ ކުއާޓަލީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އަދަދުގެ ތިންބައިކުޅަ ދެބައި މުވައްޒަފުންނަކީ ކުންފުނިތަކަށް ލިބޭ އާމްދަނީން ދެކޮޅުޖެއްސޭ (ސެލްފް ސަފިޝަންޓް) ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. އަނެއް ބައި މުވައްޒަފުން މަސައްކަތްކުރަނީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ކުންފުނިތަކުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުނު ދުވަސްވަރު ކަމަށްވާ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި، ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންގެ އަދަދު ވަނީ ފުރަތަމަ ކުއާޓަރަށް ވުރެ 3,469 އިތުރުވެފައެވެ. އަދި 2023 ވަނަ އަހަރު ނިމުނުއިރު ތިބި އަދަދަށްވުރެ 2,087 މުވައްޒަފުން އިތުރުވެފައިވެއެވެ.

އެންމެ ގިނަ މުވައްޒަފުން ނަގާފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ކަމަށްވާއިރު، އޭގެ ފަހުން އެންމެ ގިނައިން މުވައްޒަފުން ނަގާފައިވަނީ ފެނަކަ، އެމްޓީސީސީ އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށެވެ. އެޗްޑީސީއަށް 559 މުވައްޒަފުން، ފެނަކައަށް 502 މުވައްޒަފުން، އެމްޓީސީސީއަށް 461 މުވައްޒަފުން އަދި އާރުޑީސީއަށް 290 މުވައްޒަފުން ނަގާފައިވެއެވެ. މީގެ އިތުރުން އެމްއޭސީއެލްއަށް 254 މުވައްޒަފުން، ވެމްކޯއަށް 244 މުވައްޒަފުން، އެމްޕީއެލްއަށް 175 މުވައްޒަފުން އަދި ސްޓެލްކޯއަށް 109 މުވައްޒަފުން ނަގާފައިވެއެވެ.

ނަމަވެސް، މުވައްޒަފުންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައިވީ ނަމަވެސް، ކުންފުނިތަކުގެ ހާލަތަށް މާބޮޑު ބަދަލެއް އައިސްފައިވާކަމަށް ނުދައްކައެވެ. އެ ކުއާޓަރުގައި ފައިދާވި ގިނަ ކުންފުނިތަކަކީ އާންމުކޮށްވެސް ފައިދާވަމުން އަންނަ ކުންފުނިތަކެވެ. އަދި ގެއްލުންވަމުން އަންނަ ކުންފުނިތަކުގެ ތެރެއިން ހަމައެކަނި ފައިދާވެފައިވަނީ ދައުލަތުގެ މީޑިއާ ހިންގާ ޕީއެސްއެމް އާއި ފެނަކައަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *