މަންޑޭގެ ޢަމަލުތައް ހުރިގޮތުން މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް ދަތިވޭ: ގާޒީ

މަންޑޭގެ ޢަމަލުތައް ހުރިގޮތުން މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް ދަތިވޭ: ގާޒީ

ކޭ-ޕާކު ފްލެޓްތަކުގެ މައްސަލާގައި އިއްޔެ ކުރިއަށް ގެންދިޔަ ޝަރީޢަތުގެ އަޑުއެހުމުގައި، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވެފައިވަނީ ދަޢުވާލިބޭ ޙަސަން މަމްދޫޙުގެ ޢަމަލުތައް ހުރިގޮތުން މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.

އިއްޔެގެ އަޑުއެހުމަށް މަމްދޫޙު ހާޒިރުވެފައިވަނީ ވަކީލަކާ ނުލައެވެ. ގާޒީ މިކަމާ ގުޅޭގޮތުން ސުވާލު ކުރެއްވުމުން، މަމްދޫޙު ވިދާޅުވެފައިވަނީ އޭނާގެ ވަކީލުން މައްސަލައިން ވަކިވެފައިވާ ކަމަށާއި، އަލަށް ވަކީލަކު އައްޔަނުކުރުމުގެ މާލީ ތަނަވަސްކަން ނެތުމުން އާއިލާގެ އެހީތެރިކަމާއެކު އެކަން ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ޝަރީޢަތް ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާއެކު ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

ގާޒީ ފާހަގަކުރެއްވި ގޮތުގައި އިއްޔެގެ އަޑުއެހުމަށް ދުރާލާ ޗިޓު ފޮނުވާފައިވާނެ ކަމަށާއި، އެހެންކަމުން ވަކީލަކު އައްޔަނުކުރުމަށް އެކަށީގެންވާ ފުރުސަތު ލިބިފައިވާނެއެވެ. ނަމަވެސް ޝަރީޢަތް ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ ގޮތަށް މަމްދޫޙުގެ ޢަމަލުތައް ބަހައްޓަމުންދާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވެ، އެފަދައިން ޢަމަލުނުކުރުމަށް އިރުޝާދު ދެއްވިއެވެ. އަދި މަމްދޫޙުގެ އެދުމުގެ މަތިން ވަކީލަކު އައްޔަނުކުރުމަށް އިތުރު ފުރުސަތެއް ދެއްވާފައިވެއެވެ.

ކޭ-ޕާކު މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ މަމްދޫޙުގެ އިތުރުން ޖައިޝާން ސަޢީދުގެ މައްޗަށެވެ. މަމްދޫޙުގެ މައްޗަށް 104 ދަޢުވާއެއް އަދި ޖައިޝާންގެ މައްޗަށް 97 ދަޢުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ. މިއަދު ބޭއްވި އަޑުއެހުމަކީ އިފްތިތާޙީ ބަޔާން ހުށަހަޅައި، ޝަރީޢަތް ފެށުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން ދައުލަތާއި ޖައިޝާންގެ ފަރާތުން އިފްތިތާޙީ ބަޔާން އިއްވާފައިވެއެވެ.

މި މައްސަލައިގައި ދެން އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. ކޮންމެ ދުވަހަކު 7 ހެއްކެއްގެ ހެކިބަސް ނެގުމަށް ރޭވިފައިވާ ކަމަށް ގާޒީ ވަނީ ފާހަގަކުރައްވާފައެވެ. މި މައްސަލައިގައި އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްޙަނޫން ލިޔުމެއް ދިނުމާއި، ޓެކުމާއި، ޓެކުމުގައި ބައިވެރިވުމާއި، މަނީ ލޯންޑްރިންގ އަދި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާތައް ހިމެނެއެވެ.

ކޭޕާކް މަޝްރޫޢުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ 95 އިންސައްތަ ހިއްސާދާރަކީ އަދި މެނޭޖިންގ ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. އަދި 5 އިންސައްތަ ހިއްސާދާރަކީ މަންޑޭއެވެ. ހަންބޯ ކުންފުނިން ބުނެފައިވާ ގޮތުގައި މަންޑޭ ވަނީ ކޭޕާކުގެ 41 އެޕާޓްމަންޓް 107 މީހުންނަށް ވިއްކުމުގެ ނަމުގައި މީހުންގެ އަތުން އޮޅުވާލައިގެން މަކަރާއި ޙީލަތުން ގިނަ ޢަދަދެއްގެ ފައިސާ ނަގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *