ދިވެހި އުފެއްދުންތެރިންނަށް އައު ބާޒާރުތައް ހޯދައިދެއްވާނެކަމުގެ ޔަގީންކަން އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު، ދެއްވައިފިއެވެ. މިކަން ވަޒީރު ފާހަގަކުރެއްވީ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ އިފްތިތާހީ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ވަޒީރުގެ ވާހަކަފުޅުގައި، މި އަހަރަކީ ކުދި ވިޔަފާރިތަކަށް ފާގަތި ފުރުސަތުތަކެއް ހުޅުވިގެންދާނެ އަހަރެއްކަމަށް ވިދާޅުވިއެވެ. އެގޮތުން، ޓްރޭޑްމާކް އަދި ބްރޭންޑް ރައްކާތެރިކުރުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ދާކަމަށާއި، އޮންލައިން ވިޔަފާރިތަކަށް އައު ފުރުސަތުތަކެއް ތަނަވަސްވެގެންދާނެކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ޒަމާނީ ވަސީލަތްތަކާއެކު އެކްސްޕޯއެއްގެ ސިފައިގައި ރާއްޖޭގައި ބޭއްވޭ ފުރަތަމަ މައުރަޒުކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި މައުރަޒުގައި ބައިނަލްއަޤްވާމީ ވިޔަފާރިތަކާއި އިންވެސްޓަރުންގެ އިތުރުން، ކުރިއަރާފައިވާ ޤައުމުތަކުގެ އީޖާދީ މަސައްކަތްތައް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހި އުފެއްދުންތެރިންނަށް އައު ބާޒާރުތަކާއި އާ ޚިޔާލުތައް ތަރައްޤީކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރޭވިފައިވާ ކަމެކެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ ލަފާގެ މަތިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކުރާ މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.