ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެ ވުޒާރާއިން ނެރެފައިވާ ވީކްލީ ޓުއަރިޒަމް އަޕްޑޭޓުގައި ފާހަގަކޮށްފައިވާ ގޮތުން، ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް 200،241 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 11.1 އިންސައްތައިގެ ކުރިއެރުމެކެވެ. މި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6،905 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 31،388 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން 20،902 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިޓަލީވިލާތުންނެވެ. އެ ގައުމުން 19،042 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މީގެ އިތުރުން އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިންޑިއާ، ފަރަންސޭސިވިލާތް، އެމެރިކާ، ޕޮލެންޑް އަދި ސައުތު ކޮރެއާއިން ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލުވެފައިވަނީ ރިސޯޓުތަކެވެ. މިގޮތުން މުޅި ޖުމްލަ ފަތުރުވެރިންގެ 69.7 އިންސައްތަ މީހުން މަޑުކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 50،863 ފަތުރުވެރިން މަޑުކޮށްފައިވާއިރު، ހޮޓާތަކުގައި 4،907 ފަތުރުވެރިން މަޑުކޮށްފައިވެއެވެ. އަދި ފަތުރުވެރި އުޅަނދުފަހަރުގައި 4،613 ފަތުރުވެރިން މަޑުކޮށްފައިވެއެވެ.
ސަރުކާރުން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން އެކި ރިކޯޑުތައް ވަނީ ހާސިލުކުރެވިފައެވެ. އަދި ދުނިޔޭގެ ފެންވަރުގެ ޓްރެވެލް އެވޯޑު ޝޯތަކުން ދިވެހިރާއްޖޭގެ ރިސޯޓުތަކަށް ރަން ވަނަތައް ވެސް ދަނީ ލިބެމުންނެވެ.