އެކަށީގެންވާ ސަބަބެއް ނެތި ޝަރީޢަތްތައް ލަސްވުމާއި، އޭގެ ސަބަބުން މީހުން ބަންދުގައި ތިބެންޖެހޭ މުއްދަތު އިތުރުވަމުންދާ މައްސަލައާމެދު ހޯމް މިނިސްޓަރު އަލީ އިހްސާން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އޭނާ މިކަމުގެ ކަންބޮޑުވުން ފާޅު ކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިންތިޒާމްކުރި "ބަންދު ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިހުސާން ފާހަގަކުރެއްވި ގޮތުގައި މައްސަލަތައް ލަސްވާ ސަބަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ދައްކާ ޖާގައިގެ ދަތިކަމަކީ ޤަބޫލުކުރެވޭނެ އުޒުރެއް ނޫނެވެ. ސްކޫލް ބަންދު ގަޑިތަކުގައި ކްލާސްރޫމްތައް ބޭނުންކޮށްގެން ނަމަވެސް ޝަރީޢަތްތައް ކުރިއަށް ގެންދެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ފުލުހުންނަށް ވަކި މުއްދަތުތަކެއް ކަނޑައެޅިފައިވާއިރު، ކޯޓުތަކަށް އެފަދަ މުއްދަތުތަކެއް ކަނޑައެޅިފައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މައްސަލަތައް ލަސްވާ ހާލަތުގައި ފަނޑިޔާރުން ޖަވާބުދާރީކުރުވޭނެ ނިޒާމެއް އޮތުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކޯޓުތައް ޤާއިމްކޮށް، މުވައްޒަފުން ލައިގެން ޚަރަދުތަކެއް ކުރަމުންދާއިރު، ހުރިހާ ޖިނާއީ މައްސަލަތަކެއް ކްރިމިނަލް ކޯޓުން ބެލުމުގެ ބަދަލުގައި، އެހެން ކޯޓުތަކުގައި އޮންލައިންކޮށް ޝަރީޢަތްތައް ކުރިއަށް ގެންދިއުމަކީ ވިސްނާލަންޖެހޭ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އޭނާ ވިދާޅުވީ ގާޒީއެއްގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލައެއް އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި ނުވަތަ އޭގެ ތަފްސީލެއް ނުދީ ދިގުލައިގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި ޝަރީއަތްތައް ދިގު ދަންމާ ފަނޑިޔާރުން ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް އޮންނަން ޖެހޭކަމުގައެވެ.