ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ނެރުނު ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނަށް ދެވޭ އެންމެ މަތީ މުސާރައާއި އިނާޔަތުގެ އަދަދު 90,000 ރުފިޔާއަށް މަހުދުވާފައިވެއެވެ. މި ބަދަލު ގެނެސްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަކާ ގުޅިގެން، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.
މި އައު އުސޫލުގެ ދަށުން، ބޭންކުތަކާއި ރާއްޖެއިން ބޭރުގެ ޑިރެކްޓަރުން ފިޔަވައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު ޗެއާމަނުން، މެނޭޖިން ޑިރެކްޓަރުން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ މުސާރައާއި އިނާޔަތްތައް 90,000 ރުފިޔާއަށްވުރެ އިތުރުވާނަމަ، އެ އިތުރުވާ މިންވަރު ޑިޑަކްޝަންގެ ގޮތުގައި އުނިކުރެވޭނެއެވެ. ނަމަވެސް މި އުސޫލު ޓެކްނިކަލް މުވައްޒަފުންނަކަށް ނުހިނގާނެއެވެ.
ޕީސީބީން މި ފިޔަވަޅު އަޅާފައިވަނީ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައެވެ. މީގެ ކުރިން ވެސް ޕީސީބީން ވަނީ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ މަތިން، ދައުލަތުގެ ޚަރަދު ކުޑަކުރުމަށްޓަކައި ސަރުކާރުގެ ކުންފުނިތަކުން ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ނޫން އިތުރު މުވައްޒަފުން ނުނެގުމަށް އަންގާފައެވެ.