މަޑަވެލި ކޯޓުގެ މެޖިސްޓްރޭޓާއި ގުޅޭގޮތުން ބަލަމުންދިޔަ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
މައްސަލައިގެ މާބޮޑު ތަފްސީލެއް ނުދެއްވައި ޖޭއެސްސީން ބުނެފައިވަނީ މެޖިސްޓްރޭޓް ޝާޢިރު ހަސަންގެ މައްސަލަ ބަލަން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގައިކަމަށެވެ. އަދި މިމައްސަލަ ބެލުމަށްފަހު މެޖިސްޓްރޭޓް ޝާޢިރު ހަސަންގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތު ވެފައި ނުވުމުން މިމަހުގެ 28 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި އޭނާގެ މައްޗަށް މިމައްސަލަ ސާބިތު ނުވާކަމަށް ނިންމަފައިވާކަމަށެވެ.
ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ޖޭއެސްސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އެ ކޮމިޝަނުން ދަނީ ގިނަ މެޖިސްޓްރޭޓުންނާއި ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންނެވެ.
ޖޭއެސްސީއަށް ހުށަހެޅޭ ރަށްރަށުގެ މެޖިސްޓްރޭޓުންނާއި، އަދި މާލޭގެ އެކި ކޯޓުތަކުގެ ފަނޑިޔަރުންނާއި، ގުޅޭ ގިނަ މައްސަލަތަކެއް ދަނީ ބަލަމުންނެވެ. މީގެ ތެރޭގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކާއި، މަސްލަހަތު ހިމެނޭ މައްސަލަތައް ބެލުމާއި، މަޤާމުގެ ނުފޫޒު ބޭނުންކުރާ މައްސަލަތައްވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ