ހއ. ފިއްލަދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި "މަގޭ ސޯލާ" ޕްރޮގްރާމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާހުކޮށްދެއްވައިފައެވެ. މި ޕްރޮގްރާމަކީ ގޭބިސީތަކުގެ ކަރަންޓު ބިލު ކުޑަކުރުމަށާއި އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުގެ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާގެ 28 ވަނަ ބައްދަލުވުމުގައި، 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމުގެ އަމާޒު ކަނޑައަޅުއްވާފައެވެ. މި ޕްރޮގްރާމަކީ އެ އަމާޒަށް ވާސިލުވުމަށް މަގުފަހިކޮށްދޭނެ، ސަރުކާރާއި ބޭރުގެ އެހީދޭ ފަރާތްތަކާ ގުޅިގެން ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި 750 ގޭބިސީއަށް ސޯލާ ޕީވީ ނިޒާމު ފޯރުކޮށްދެވޭނެއެވެ. ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން، އިންސްޓޯލްމަންޓް އުސޫލުން މި ނިޒާމުތައް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ނެޓް މީޓަރިންގ އުސޫލުގެ ދަށުން ގޭގެ ފުރާޅުގައި މި ނިޒާމު ޤާއިމުކުރެވޭއިރު، މިސާلަކަށް މަހަކު 500 ޔުނިޓުގެ ކަރަންޓު ބޭނުންކުރާ ގެއެއްގައި 3 ކިލޯވޮޓުގެ ސިސްޓަމެއް ބެހެއްޓުމުން ކަރަންޓު ބިލު 80 އިންސައްތައަށްވުރެ ބޮޑަށް ކުޑަވެގެންދާނެއެވެ.
ސޯލާ ޕީވީ ނިޒާމުތަކަކީ އުމުރު ދިގު ނިޒާމުތަކެއް ނަމަވެސް، އެއްފަހަރާ އަގު އަދާކުރުމަކީ އާންމު ފަރުދުންނަށް ދަތިކަމަކަށްވާތީ، މި ޕްރޮގްރާމު ރޭވިފައިވަނީ އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ ގޮތަށެވެ. އަދި މި ނިޒާމުގެ ފައިދާ ދިގު މުއްދަތަކަށް ރައްޔިތުންނަށް ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ފަރާތްތަކަށް އަމިއްލަ ގޭގައި މި ނިޒާމު ޤާއިމުކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. މި ޕްރޮގްރާމު އިތުރަށް ފުޅާކުރުމަށްޓަކައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ހޯދުމަށް ފުރަތަމަ ކުއާޓަރގެ ތެރޭގައި ބީލަން ހުޅުވާލުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.
ކޮމެންޓު ފޮނުވާ