އޭޑީކޭ ހޮސްޕިޓަލުން މިއަދު 20 ޑޮކްޓަރުންނާއެކު މެޑިކަލް އިންޓާންޝިޕް ފަށައިފިއެވެ. މެޑިކަލް ކައުންސިލުން ޤަބޫލުކުރާ މި އެއް އަހަރުގެ ޕްރޮގްރާމުގައި ސްޓްރަކްޗަރޑް އެކަޑެމިކް ލެކްޗަރާއި ވޯކްޝޮޕް އަދި ކްލިނިކަލް ބައިތައް ދަސްކޮށްދޭނެ ކަމަށް އެ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. މި ޕްރޮގްރާމުގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުން ކިޔަވައި ނިންމި ދަރިވަރުން ޤާބިލު އަދި ލައިސަންސް ލިބިފައިވާ ހުނަރުވެރި ޑޮކްޓަރުންނަށް ވެގެންދާނެއެވެ.
އޭޑީކޭގައި އިންޓާންޝިޕް ފުރިހަމަކުރުމަށް ކޮންމެ ޑޮކްޓަރަކު މަހަކު 14,500 ރުފިޔާ ދައްކަންޖެހޭއިރު، އަހަރަކަށް ބަލާނަމަ މިއީ 174,000 ރުފިޔާއެވެ. މޯލްޑިވްސް މެޑިކަލް ކައުންސިލުގެ ގަވާއިދުގައިވާ ގޮތުން، ޕްރެކްޓިސް ކުރުމަށް ޑޮކްޓަރުންނަށް ލައިސަންސް ދެވޭނީ 5-6 އަހަރުގެ ކިޔެވުމަށްފަހު އެއް އަހަރުގެ އިންޓާންޝިޕެއް ފުރިހަމަ ކުރުމުންނެވެ.
އައިޖީއެމްއެޗްގައި އިންޓާންޝިޕްގެ ޑިމާންޑު ބޮޑުވުމާ ގުޅިގެން، ހެލްތު މިނިސްޓްރީން ވަނީ އޭޑީކޭގައި އިންޓާންޝިޕް ޕްރޮގްރާމް ފަށައިދިނުމަށް އެދިފައެވެ. އެހެންކަމުން، އެ ހޮސްޕިޓަލުން ވަނީ އިންޓާންޝިޕް ކުރިއަށް ގެންދިއުމަށް ހިނގާނެ ޚަރަދުތަކުގެ ތަފްސީލު މިނިސްޓްރީއަށް ފޮނުވައި، އެ ޚަރަދު ދައުލަތުން ދެއްކުމަށް އެދިފައެވެ. ނަމަވެސް، މިނިސްޓްރީން އަދި މިކަމަށް ޖަވާބެއް ދީފައެއް ނުވެއެވެ. ސަރުކާރުގެ މައި ހޮސްޕިޓަލުގައި އިންޓާންޝިޕް ހަދަން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. މިވަގުތު އެ ހޮސްޕިޓަލުގައި 60 ޑޮކްޓަރުން އިންޓާންޝިޕް ފުރިހަމަކުރަމުން ގެންދެއެވެ.