އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ބައެއް ފަރާތްތަކަށް އިމްތިޔާޒު ދީފައިވާ އެއްބަސްވުންތައް ބާތިލްކޮށް، އެ މައްސަލަތައް އަލުން ތަހުގީގު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އެންގެވުމުން ޕީޖީގެ އެ ނިންމެވުމަށް ރައީސް މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ޕީޖީގެ ނިންމެވުމާއި ގުޅިގެން ރައީސް މުއިއްޒު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިއާޒްތަކެއް ލިބިދީ އެމީހުންގެ މައްޗަށް އިތުރު ދަޢުވާ ނުކުރުމަށް އެއްބަސްވެ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރެލް ހައްދަވާފައިވާ އެއްބަސްވުންތައް ބާޠިލް ކުރައްވައި އެމީހުންގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލަތައް ތަޙްޤީޤު ކުރައްވަވައި އެއޮފީހަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އެންގެވުމާގުޅިގެން މަރުޙަބާ ދަންނަވާ ކަމުގައެވެ.
ޒަމާނުއްސުރެން މިގައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މިގައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭކަމަށް ތުހުމަތުކުރެވޭ ހުރިހާ ފަރާތަކާމެދުވެސް ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަމަހަމަކަމާއެކު އަމަލުކުރެވިގެން.
ރައީސް މުޢިއްޒު ވިދާޅުވެފައި ވެއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލައެވެ. މި މައްސަލައިގައި ގިނަ އަދަދެއްގެ ސިޔާސީ އަދި އާންމު ފަރާތްތަކެއް ހިމެނެއެވެ. ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބައެއް ތުހުމަތުކުރެވޭ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކަކީ ގާނޫނީ ހަމަތަކާ ޚިލާފަށް ވެފައިވާ އެއްބަސްވުންތަކެއް ކަމަށް މިހާރުގެ ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވެއެވެ.
މި މައްސަލަ އަލުން ތަހުގީގުކުރުމަށް ނިންމެވުމާ ގުޅިގެން، އިތުރު ގިނަ ފަރާތްތަކެއްގެ މައްޗަށް ދައުވާކުރެވިދާނެ ކަމަށް ގާނޫނީ މާހިރުން ލަފާދެއެވެ.