މަޖިލީހުގެ ހަޔާތުގައިވެސް ރައީސް ޞާލިހު އެންމެ އިސްކަންދެއްވީ ޤައުމީ މަސްލަހަތަށް: ޝާހިދު

މަޖިލީހުގެ ހަޔާތުގައިވެސް ރައީސް ޞާލިހު އެންމެ އިސްކަންދެއްވީ ޤައުމީ މަސްލަހަތަށް: ޝާހިދު

Author
މުޙައްމަދު ޝަޒައިމް
30 ޑިސެމްބަރ 2020 08:07
0

ރައްޔިތުންގެ މަޖިލީހުގައި ޚިދުމަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި 25 އަހަރުގެ ދިގު މާޒީގައިވެސް ރައީސް ޞާލިހުގެ ފަރާތްޕުޅުން ފެނިގެން ގޮސްފައިވަނީ ޤައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންނަށް ލާބަހުރި ކަންކަމުގައި ޚިދުމަތްކުރެއްވި މަންޒަރު ކަމުގައި އެމަނިކުފާނާއިކު މަޖިލީހުގައި މަސައްކަތް ކުރެއްވި މިހާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ރައީސް ޞާލިހުގެ ދިގު މާޒީގައި ކުރެއްވި މަސައްކަތް ޕުޅާއި ގުޅޭގޮތުން ދިވެހި ރާއްޖޭގެ އަޑުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް ޞާލިހު މަޖިލީހަށް އެންމެ ފުރަތަމަ އިންތިޚާބުވެ ވެވަޑައިގެންނެވީ 1995 ވަނަ އަހަރުގައިކަމަށެވެ. އަދި އެމަނިކުފާނު ވަނީ ރައީސް ކަމުގެ މަޤާމަށް އިންތިޚާބު ވުމާއި ހަމައަށް 5 ދައުރު މަޖިލީހުގައި ތަމްސީލު ކުރައްވާފައިކަމަށެވެ. ރައީސް ޞާލިހާއި އެކީގައި އެމަނިކުފާނު ޚިދުމަތް ކުރެއްވި 25 އަހަރުގައި މަޖިލީހުގައި މަސައްކަތް ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެންނެވިކަން ފާހަގަކޮށް މިނިސްޓަރ ޝާހިދު ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސް ޞާލިހުގެ ފަރާތްޕުޅުން ފެނިގެން ގޮސްފައިވަނީ ވަރަށް ވިސްނުންތެރިކަމާއި، ހިކުމަތްތެރިކަމާއިއެކު މަސައްކަތް ކުރައްވަމުންދިޔަ މަންޒަރުކަމަށެވެ.

އޭރުވެސް ރައީސް ޞާލިހު ފާހަގަކުރެވެނީ ކަންކަމާއި ދޭތެރޭގައި ވަރަށް ކެތްތެރި ކަމާއިއެކީގައި ކޮންމެހެން ވިދާޅުވާން ޖެހޭ އެއްޗެއްނޫނީ ވިދާޅުނުވެ، އެވިދާޅުވާ އެއްޗެއްގައި ސާބިތުކަމާއިއެކު ހުންނެވި ބޭފުޅެއްގެ ގޮތުގައި، އެގޮތަށް އަމަލު ކުރެއްވުމުން ވަރަށް ސީނިޔާކޮށް ތިއްބެވި ބޭފުޅުންގެ އިހުތިރާމް ރައީސަށް ލިބިގެންދިޔަ. ކަންކަމުގައި ލަފާ އައްސަވައި ޚިޔާލް ހޯއްދަވާފައިވޭ.

– ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ މަޖިލީހުގައި މަސައްކަތް ކުރެއްވިއިރު، ޤައުމީ ކަންކަމަށް ބަހައްޓަވާ ސަމާލުކަމަކީ ރައީސްގެ ފަރާތްޕުޅުން ފެނިގެންދިޔަ އެންމެ ޚާއްސަ ސިފަ ކަމުގައެވެ. ކޮންމެ ކަމެއް ނިންމުގައިވެސް އަދި ކުރުމުގައިވެސް އެކަމަކުން ޤައުމަށް ލިބިދާނެ ގެއްލުމަށް ބައްލަވައި އެކަމާއި މަޝްވަރާ ކުރައްވާނެކަމަށެވެ. އަދި މިކަންކަމުގައި ރައީސްގެ ޚިޔާލާއި މަޝްވަރާ ދެއްވުމުން އޭރުގެ މެމްބަރުންގެ ތެރޭގައިވެސް އެންމެ ގިނަ ބަޔަކު އިޚްތިރާމު ކުރެއްވި އެއްބޭފުޅަކަށް ރައީސް ޞާލިހު ވެވަޑައިގެންފައި ވާކަމަށެވެ.

ރައީސް އަބަދުވެސް މަސައްކަތް ކުރައްވާފައިވަނީ ޤައުމުގެ އެންމެ މަތީ މަސްލަހަތަށް. އެއްވެސް އިރެއްގައި ރައީސް ދޫކޮށް ނުލައްވާނެ މުޅި ޤައުމުގެ ފައިދާއަށް ކުރަން ހުންނަ ކަމަކަށް ބުރޫއަރާފަދަ ކަމެއް ވިޔަ ނުދެއްވާނެ. އެގޮތުން އިދިކޮޅު އޮޕޮޒިޝަން ލީޑަރެއްގެ ގޮތުގައި ހުންނެވިއިރު، އަޅުގަނޑު މަޖިލީހުގެ ރައީސަކަށް ހުންނެވި އިރުވެސް ވަރަށް ހަލަބޮލި ދަތި ދުވަސްތަކެއް ދިޔަ. އެދަތި ދުވަސްތަކުގައިވެސް އެއްސްވެސް ކަމެއް ދޫކޮށް ނުލައްވާނެ އެވަގުތު އެކަން ކޮށްލީމާ އެވަގުތަށް ރަނގަޅެއް ލިބިދާނެ ކަމަށް ހީވެގެންނެއް. އެއަށްވުރެއް މާ ދުރުވިސްނައިގެން އެކަންތައްތައް ކުރައްވާފައިވަނީ.

– ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ރައީސް ޞާލިހަކީ ކެތްތެރިކަމާއި މަޑުމަތިރި ކަމާއިއެކު ކަންކަން ކުރައްވާ ބޭފުޅަކަށްވިޔަސް ކަންކަމާއި ކުރިމަތި ލައްވަލައި އެންމެ ކުރީ ސަފަށް ނިކުންނަން ޖެހުމުން އެކަންވެސް ކުރައްވާފައިވާ ބޭފުޅެއްކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލިސް ބޮޑު ތަޅު އަޅުވައި ސިފައިން ލައްވައި ބަންދު ކުރެއްވުމުން މަޖިލީހަށް ވެންނެވުމަށް އޭރު މަޖިލީހުގެ މެމްބަރުންނާއިއެކު ވަޑައިގެންނެވި އިރު އެންމެ ކުރީގައި ހުންނެވީވެސް ރައީސް ޞާލިހު ކަމަށެވެ. ރައީސް ޞާލިހަކީ ސިޔާސީ ގޮތުން ދިމާވާ ކޮންމެ ކަމެއްގައިވެސް ސުލްހަވެރިކަމާއި އެއްބައިވަންކަމާއިއެކު ކަންކަން ނިންމަވަން މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.