ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަވެ، މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފިއެވެ.
އަންގާރަ ދުވަހު އެ އިދާރާއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ މިއަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށެވެ. މި މޫސުން ގޯސްވުމަކީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި އެއާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން ކަމަށް ވެއެވެ.
މޫސުން ގޯސްވެ، ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، އަދި ބައެއް އަތޮޅުތަކަށް އުދައެރުމުގެ ފުރުސަތު އޮތްކަމަށް ލަފާކުރެވެއެވެ. މިއަދު ހަވީރު 6:00 އާ ހަމައަށް މޫސުން ލަފާކުރި އިރު، އެންމެ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި، އެހެން ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ވައިޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.
ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، ނ. އަތޮޅުން ލ. އަތޮޅަށް ވައިޓް އެލާޓެއް ވަނީ ނެރެފައެވެ. މި އެލާޓް ދެމިއޮންނާނީ ހެނދުނު 6:30 އިން 11:30 އާ ހަމައަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ލ. މާވަށަށް ކަމަށްވާއިރު، އެރަށަށް 107.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އދ. މާމިގިލީގައި 86.5 މިލިމީޓަރު އަދި ކ. ދިއްފުށީގައި 78.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މީގެއިތުރުން ހުޅުލެއަށް 73.0 މިލިމީޓަރު، ހުޅުމާލެއަށް 70.9 މިލިމީޓަރު، ވ. ރަކީދޫއަށް 61.9 މިލިމީޓަރު އަދި ލ. ކައްދޫއަށް 61.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރެކޯޑުކުރެވިފައިވެއެވެ.
ރާޅުގެ އުސްމިން އުތުރުގެ އަތޮޅުތަކުގައި ހުންނާނީ 3 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށާއި، މެދުރާއްޖެތެރެ އަދި ދެކުނުގައި 5 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެކަމަށް ލަފާކުރެވެއެވެ. ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާއިރު، އުތުރުގެ ކަނޑުތައް އާދައިގެ މިންވަރަކަށް ގަދަވާނެކަމަށް ބެލެވެއެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކުރެވެއެވެ.
މި ދުވަސްވަރު މޫސުން ގޯސްވާނެކަމަށް ބެލެވޭތީ، ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން، މޫސުމާބެހޭ އިދާރާއިން ނެރެމުންދާ އެންމެފަހުގެ މޫސުމީ ނިމުންތަކާއި ސަމާލުތަކަށް އިސްކަންދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ