ރިސޯޓްތަކަށް ޓެރަރިސްޓް ހަމަލާއެއް ދޭން ރާވާފައިވާކަމުގެ ތުހުމަތު!

ރިސޯޓްތަކަށް ޓެރަރިސްޓް ހަމަލާއެއް ދޭން ރާވާފައިވާކަމުގެ ތުހުމަތު!

Author
ހުސައިން
24 ޑިސެމްބަރ 2024 09:04
0

ރާއްޖޭގައި ހިންގާ ބޮޑެތި ރިސޯޓްތަކަށް ޓެރަރިސްޓް ހަމަލާއެއް ދޭން އެމްޑީޕީގެ ލީޑާޝިޕުން ރާވާފައިވާ ކަމުގެ ތުހުމަތު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ކޮށްފިއެވެ.

ވެރިކަންކުރާ ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނިހާދު ވިދާޅުވެފައިވަނީ މި ޓެރަރިސްޓް ހަމަލާ ރޭވުމުގައި އިސްކޮށް އުޅެނީ ކުރީގެ ސަރުކާރުގައި ދައުލަތުގެ މާލިއްޔާއިން އަށް ރުފިޔާއަށް ޕެނަޑޯލް ގުޅައެއް ވިއްކި ފަރާތެއް ކަމަށެވެ. އަދި ރާއްޖޭގެ ފައިވްސްޓާ ފެންވަރުގެ ރިސޯޓްތަކަށް އަމާޒުކޮށްގެން މި ހަމަލާ ދިނުމުގައި އެމްޑީޕީގެ ލީޑާޝިޕްގެ "ބްރޯ" ވެސް ބައިވެރިވާ ކަމަށް ނިހާދު ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، މި ކަމަކީ ރާއްޖޭގެ ފަތުރުވެރިކަން ހަވާލުކޮށްލުމަށް ހިންގާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ނިހާދުގެ މި ވާހަކަތަކާ ގުޅިގެން ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް އެކްސްގައި ވިދާޅުވެފައިވަނީ މިފަދަ ދޮގު ވާހަކަތަކަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންވާނެ ކަމެއް ކަމަށާއި، މިއީ ކުޑަ ކަމެއް ނޫން ކަމަށެވެ. އަދި ނިހާދާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް އައްބާސް ވިދާޅުވެފައިވެއެވެ.

ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ ނިހާދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް މި މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމަށް އެމްޑީޕީގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ގޮވާލަމުން ދެއެވެ.

އެމްޑީޕީގެ ޓިކެޓްގައި ފޭދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕީއެންސީއަށް ބަދަލުވެވަޑައިގެންނެވި ނިހާދު އެ ޕާޓީއަށް ބަދަލުވެވަޑައިގެންނެވީ ރިޝްވަތުގެ ގޮތުގައި ފައިސާ ނަންގަވައިގެން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.