މެޓް އޮފީހުން މިރޭ ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފިއެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމުގެ އިހްތިމާލު އޮތް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އެ އޮފީހުން ލަފާ ކޮށްފައިވާ ގޮތުގައި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.
އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވި ނަމަވެސް، އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ. އުތުރުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ހުންނާނެ ކަމަށާއި، އެހެން ހިސާބުތަކަށް ފަސް ފޫޓާއި ހަތް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވާފައިވާއިރު، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް އެ އޮފީހުން ވަނީ އިންޒާރުދީފައެވެ. ރޭވެސް މޫސުން ވަނީ ވަރަށް ގޯސްވެފައެވެ. ރޭ އެންމެ ގިނައިން ވާރޭވެހުނީ މާލެއަށް ކަމަށްވާއިރު، ހުއްޓުމެއްނެތި ކުރި ވިއްސާރައިގައި ފެންބޮޑުވެ، އާންމު ދިރިއުޅުމަށްވެސް ވަނީ ބުރޫއަރާފައެވެ. އަދި ބައެއް ގެތަކުން މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ މާލެއަށް 136.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި މި ދުވަސްވަރު އެންމެ ގިނައިން ވިއްސާރަކުރަނީ އުތުރުގެ އަތޮޅުތަކަށް ކަމަށްވެސް މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖެއަށް މިހާރު މި ކުރާ ވިއްސާރައަކީ މޫސުން ބަދަލުވާ ދުވަސްވަރާ ދިމާކޮށް މި ސަރަހައްދުގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން ކުރާ އަސަރެއް ކަމަށްވާއިރު، މެޓް އޮފީހުން ލަފާކުރާ ގޮތުގައި އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް މޫސުން ގޯސްވާނެއެވެ.
އާންމު ގޮތެއްގައި މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށުމުގެ އަސަރުތައް ފެންނަން ފަށާ ދުވަސްވަރު ނުވަތަ ދެ މޫސުން ބެދޭ ދުވަސްވަރެވެ. އިރުވައި މޫސުން ފަށަން ހަޅަޖަހަން ފަށާނީ މި މަހުގެ ފަހުކޮޅުގައި ކަމަށާއި، ރާއްޖެއަށް އިރުވައި މޫސުން އާންމު ގޮތެއްގައި ފެށެނީ ޖެނުއަރީ މަހުގައި ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.