މާލެ އަށް މިހާރު ކުރަމުންދާ ވިއްސާރަގައިގައި 8 ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިފި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ވިއްސާރައިގައި ވަގުތުން އެހީތެރިކަން ބޭނުންވާ 12 ގޭބިސީއެއްގެ ރެޕިޑް އެސެސްމެންޓް ދިވެހި ރެޑްކްރެސެންޓުގެ އެހީތެރިކަމާއެކު ހެދުނު ކަމަށެވެ.
އޭގެތެރެއިން 8 ގޭބިސީއެއްގެ 32 މީހުންނަށް އެއް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައި ދެވުނު ކަމަށާއި މި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސީ ކައިބޮއި ހެދުމަށާއި، ނިދާ ފާހާނާ ކުރެވޭނެ ގޮތެއް ނެތުމާއި، ވަގުތީ ގޮތުން އެތަންތަނުގައި ދިރިއުޅެވޭނެ ހާލަތެއް ނެތުމުގެ ސަބަބުން ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ.
ވިއްސާރައާ ގުޅިގެން ފެންވަނުން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި މާލޭ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު 47 ތަނެއްގައި 229 ވެލިބަސްތާ ޖަހާފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން މައުލޫމާތުދެ އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް މާލެ އަށް 136.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.
ކޮމެންޓު ފޮނުވާ