ފުލުހުންގެ ޚިދުމަތާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސް ވެއްޖެ

ފުލުހުންގެ ޚިދުމަތާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސް ވެއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި މިއީ އަބަދުވެސް ވަރަށް ގާތުން މަސައްކަތްކުރާ ދެ މުއައްސަސާއެވެ. އަދި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޓަކައި ފުލުހުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މިނިސްޓަރު ޝަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އަމާންކަން ދެމެހެއްޓުމާއި ރަނގަޅު ފިކުރު ފެތުރުމަށް ފުލުހުން ކުރަމުންދަނީ ވަރަށް ބުރަ، އަދި މުހިންމު ގައުމީ މަސައްކަތްތަކެކެވެ. އެހެންކަމުން ފުލުހުންގެ މަސައްކަތްތަކަށް އެހީތެރިވުމަކީ އިސްލާމިކް މިނިސްޓްރީގެ މަސްއޫލިއްޔަތެއް ކަމަށާއި، އެ އެހީތެރިކަން ފަސްޖެހުމެއްނެތި ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް ކުރިމަތިވާ ފިކުރީ ގޮންޖެހުންތައް ރާއްޖެއަށް ވެސް ކުރިމަތިވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އިސްލާމްދީނާ ދެކޮޅު ފިކުރުތަކާއި، އިސްލާމީ ފިކުރުތަކުގެ ތެރެއިން އުފެދިފައިވާ ހަރުކަށި ފިކުރުތައް ހިމެނޭކަމަށް ވިދާޅުވިއެވެ. މި އެއްބަސްވުމަކީ ވޭތުވެދިޔަ ޒަމާންތަކުގައި ގާއިމުވެފައިވާ ގުޅުންތަކުގެ މައްޗަށް އިތުރުކުރެވޭ އާ ސިލްސިލާއެއްކަމަށާއި، އާ ބިންގަލެއް އެޅިގެންދާކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕޮލިސް ކޮމިޝަނަރު، ސީޕީ އަލީ ޝުޖާއު ވިދާޅުވީ މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ވެސް ދެ މުއައްސަސާ ގުޅިގެން މަސައްކަތްކޮށްފައިވާ ކަމަށާއި، ރާއްޖެ އަމާން މުޖުތަމައެއްގެ ގޮތުގައި ދެމެހެއްޓުމަށް އިސްލާމިކް މިނިސްޓްރީން އަދާކުރަނީ ވަރަށް އިސް ދައުރެއްކަމަށެވެ. މުޖުތަމައުގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ހައްލުކުރުމުގައި އެ މިނިސްޓްރީން މުހިންމު ރޯލެއް އަދާކުރާކަމަށާއި، ވަކިން ޚާއްޞަކޮށް ފުލުހުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި މިނިސްޓްރީން ދެއްވާ އެހީތެރިކަން ސީޕީ ފާހަގަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *