މިއަދުން މިއަދަށް އިޒްރޭލު ޕާސްޕޯޓު ބޭންކޮށްލައިފިނަމަ ނަތީޖާ ވަރަށް ގޯސް ވެދާނެ: ރިޔާޒު

މިއަދުން މިއަދަށް އިޒްރޭލު ޕާސްޕޯޓު ބޭންކޮށްލައިފިނަމަ ނަތީޖާ ވަރަށް ގޯސް ވެދާނެ: ރިޔާޒު

Author
ހުސައިން
02 ޑިސެމްބަރ 2024 10:22
0

މިއަދުން މިއަދަށް އިޒްރޭލު ޕާސްޕޯޓު ބޭންކޮށްލައިފިނަމަ ނަތީޖާ ވަރަށް ގޯސް ވެދާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒް ވިދާޅުވެއްޖެ އެވެ.

އެސްއެސްޓީވީގެ "ބާރުހަތަރެއް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ރިޔާޒު ވިދާޅުވެފައިވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އަނިޔާވެރި ޢަމަލުތަކަކީ "ވިޔާނުދާ" ކަމެއް ނަމަވެސް، އިޒްރޭލު ޕާސްޕޯޓު ވަގުތުން މަނާކުރުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށެވެ.

އަޅުގަނޑުމެން މިވަރަށް ނުވިސްނާ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މީހުން އެ ބުނާހާ ބީދައިން ހަމަ މިއަދުން މިއަދަށް މި ޕާސްޕޯޓު ބޭންކޮށްލީމާ އޭގެ ހިތި ތަޖުރިބާ ނުވަތަ އެއިން ނުކުމެދާނެ ނަތީޖާ ހަމަ ވަރަށް ގޯސް ވެސް ވެދާނެ.

ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވެފައިވަނީ އިޒްރޭލުގައިވެސް މުސްލިމުން މެރުމާ ދެކޮޅު މީހުންނާއި، ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރާ ފަރާތްތައް ތިބޭނެ ކަމަށެވެ. އެހެންކަމުން، އިޒްރޭލުގެ ހުރިހާ ރައްޔިތުންނަށް ރާއްޖެ ނާދެވޭގޮތަށް ޕާސްޕޯޓު މަނާކުރުމުގެ ބަދަލުގައި، އިޒްރޭލުގެ އަމުރުމައުރޫފު ހިންގާ ވެރިންނާއި ސިފައިންގެ މީހުން ރާއްޖެ އެތެރެނުވެވޭ ގޮތަށް ހެދިދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ އިޒްރޭލުގައި ވެސް ތިބެދާނެއޭ މި ހިނގާ ވިޔާނުދާ އަމަލުގައި، ނޫނީ އަޅުގަނޑުމެންގެ މުސްލިމުން މަރަމުންދާ މެރުންތަކުގައި އިދިކޮޅު ހަދާ ކިތަންމެ ބައިވަރު ބަޔަކު ތިބެދާނެ. ތިބޭނެ، ތިބެދާނެއެއް ވެސް ނޫން. ހަމަ ޔަގީން އިޒްރޭލުގައި ވެސް ތިއްބަވާނެ އަޅުގަނޑުމެންގެ ފަލަސްތީނުގެ މީހުންނަށް ތާއީދު ކުރާ ވެސް ކިތަންމެ ބަޔަކު.

އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި އެމްޑީޕީން މެއި 2024 ގައި ބިލެއް ހުށަހެޅި އިރު، ޖޫން 2، 2024 ގައި ވަޒީރުންގެ މަޖިލީހުންވެސް ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމާފައެވެ. ނަމަވެސް މިހާތަނަށް އަދި ޕާސްޕޯޓު މަނާކޮށްފައެއް ނުވެއެވެ. ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެފައިވަނީ މިފަދަ ނިންމުމެއް ނިންމުމުގެ ކުރިން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ލަފާ ހޯދަންޖެހޭ ކަމަށެވެ.

ޕީއެންސީގެ ބައެއް މެންބަރުން ވަނީ މި ބިލަކީ ސަރުކާރަށް އުނދަގޫކުރުމުގެ ގޮތުން އެމްޑީޕީން ހުށަހަޅާފައިވާ ބިލެއް ކަމަށް ވިދާޅުވެފައެވެ. މިގޮތުން، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެފައިވަނީ މި ބިލުގެ މަސައްކަތް ކުރިއަށް ގެންދިއުމާމެދު އިތުރަށް ވިސްނަންޖެހޭ ކަމަށާއި، ދާއިރާގެ ރައްޔިތުންގެ ޚިޔާލުވެސް ހޯދަންޖެހޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.