ރާއްޖޭގައި ވެރިކަން ކުރުމަށް އައި ބަދަލުތަކާއިއެކު، ސިޔާސީ ގޮތުން އުފެދިފައިވާ ބައިބައިވުމަކީ ރާޢްޖޭގެ ތަރައްޤީއަށް އޮތް ހުރަހަކަށް ވެގެން ނުވާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.
އެއްބައިވަންކަމުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ވިލިނގިލީގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ 2008 ގައި ރާއްޖެއަށް އައިސްފައިވާ ސިޔާސީ ބޮޑު ބަދަލުތަކާއިއެކު ރައްޔިތުންގެ ތެރޭގައާއި ސިޔާސީ ޕާޓީތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެ، ޤައުމުގެ ތަރައްޤީއަށްވެސް ބަދަލު ތަކެއް އައިސްފައިވާކަމަށެވެ. 2004 ވަނަ އަހަރު ރާއްޖެއިން ފެނިގެންދިޔަ އެއްބައިވަންކަމާއި އެކުވެރިކަން މިއަދު ނުފެނުނު ކަމުގައި ވީނަމަވެސް ހައްގުތައް ކަށަވަރު ކުރުމާއި، ތަރައްޤީ ހޯދުމުގައި ހަމަހަމަ ރޫހެއްގައި މިއަދު މަސައްކަތް ކުރެވިގެންދާތަން ފެންނަކަމަށް ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ސުނާމީގައި އެންމެބޮޑު ގެއްލުންތަކެއްވި އެއްރަށަކީ ވިލިނގިއްޔަށްވާއިރު، ވިލިނގިލީގެ މިހާރުގެ ޖީލަށް އެދުވަހުގެ އިޚްސާސް ވިލިނގިއްޔަށް ބަލައިލުމުން ނުކުރެވެނީ ރަށުގެ ރައްޔިތުންގެ އެއްބައިވަންތަ ކަމާއިއެކު ގުޅިގެން ކުރި މަސައްކަތުގެ ސަބަބުންކަމަށެވެ. މުޅި ރަށް ވީރާނާވެ، އެތައް އާއިލާތަކެއް ބިކަވެ ނިކަމެތިވެގެންދިޔަ އިރު އެކަމުން އަރައި ގަތުމަށް އެއްބައިވަންތަ ކަމާއިއެކު ކުރެވިގެންދިޔަ މަސައްކަތަކީ މިއަދު ވިލިނގިލިން ފެންނަމުންދާ ތަރައްޤީގެ އެންމެ ބޮޑު ސިއްރުކަމަށް ސައުދު ވިދާޅުވިއެވެ.
ރަށްރަށުގައި މިއަދު ދިމާވެފައިވާ އެންމެބޮޑު އިޖުތިމާއީ މައްސަލަޔަކީ މަސްތުވާތަކެތީގެ މައްސަލަކަން ފާހަގަކޮށް މެމްބަރު ސައުދު ވިދާޅުވީ މިމައްސަލަ ހައްލު ކުރުމަށް ފުލުހުން ކުރަމުންދަނީ ވަރަށް ޒިންމާދާރު މަސައްކަތެއް ކަމަށެވެ. ވިލިނގިއްޔަށް ބަލައިލި ކަމުގައި ވީނަމަވެސް އަދި އެހެން ރަށްތަށް ބެލި ކަމުގައި ވީނަމަވެސް މިއަދު އޮތް އެންމެ ނުރައްކާތެރި ވަބާއަކީ މަސްވާތަކެތީގެ ވަބާކަން ފާހަގަކޮށް ސައުދުވަނީ މިކަމުން އަރައިގަތުމަށް އެއްބައިވަންތަކަމާއިއެކު ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.
މުޅި ރާއްޖޭގެ މައްޗަށް މިއަދު އޮތް އެންމެ ބޮޑު ނުރައްކަލަކީ މަސްތުވާތަކެތީގެ ބޮޑު ކަޅުވިލާގަނޑު. މަސްވާތަކެތީގެ ބޮޑު ވަބާވަނީ މުޅި ރާއްޖެއަށް ފެތުރިފަ. މިއަދު އަޅުގަނޑުމެން މިޖެހެނީ މިވާހަކަ ދައްކާ މީހާ ކުށްވެރިނުކޮށް މިކަން ކުރާ މީހުންނާއިމެދު ފިޔަވަޅު އަޅަން. މިއަދު ފުލުހުން އަދުލު އިންސާފު ޤާއިމް ކުރުމަށް މަސައްކަތް އެބަކޮށްދެއްވާ. ފުލުހުން ވަކި މީހަކަށް ވަކި ޕާޓީއަކަށް ނެތި ޤާނޫނު ތަންފީޒު ކުރެވޭތަން އެބަފެނޭ.
– ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ އޭނާ އަބަދުވެސް ހުންނާނީ ސަރުކާރާއި ރައްޔިތުންގެ މެދުގައި ކުރަންޖެހޭ ކަންކަން ފަހިކޮށް، ފަސޭހަކަމާއިއެކު ކުރެވޭނެ މަގު ތަނަވަސް ކުރުމަށް ހުންނަ ޚާދިމެއްގެ ގޮތުގައި ކަމަށެވެ. އަދި ޚިދުމަތްތައް ފޯރުކޮށް ދިނުމައި ވަކި ޕާޓީއަކަށް ވަކި ކުލަޔަކަށް ބެލުމެއްނެތި ހަމަހަމަ ކަމާއިއެކު ޚިދުމަތް ފޯރުކޮށް ދިނުމަކީ އެންމެ ބޮޑު އަމާޒުކަމަށް ވިލިނގިލީ ދާއިރާގެ ގޮޑި ދެވަނަ ދައުރެއްގައި ފުރުއްވަމުންދާ ސައުދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ