ސިޔާސީ މަގާމުތަކުގައި ތިބެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހުއެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ވަކިކުރި މުހައްމަދު ރާގިބު އަހްމަދެވެ.
ސިޔާސީ މަގާމުތަކުގައި ތިބެގެން ދައުލަތާ ދެކޮޅަށް ކޯޓުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި މައްސަލައެއް ދައުވާލިބޭ މީހެއްގެ ގާނޫނީ ވަކީލަކެއްގެ ގޮތުން ދައުލަތާ ދެކޮޅަށް ރާގިބު ވަކާލާތު ކުރެއްވުމުންނެވެ.
ރާގިބު އިއްޔެ މަގާމުން ވަކިކޮށްފައިވަނީ ގދ. ތިނަދޫގެ ސިޓީ ދަރަޖަ ބާތިލް ކުރަން ހައި ކޯޓަށް ހުށަހެޅުމުންނެވެ. އޭނާ އެ މައްސަލަ ހުށަހެޅީ ރައީސް އޮފީހާ ދެކޮޅަށެވެ. އެކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމުރުފުޅަށް ރާގިބު ވަނީ މަގާމުން ވަކިކޮށްފައެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ކުރިން ބުނެފައިވަނީ ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ސަރުކާރުގެ މަސްލަހަތާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށެވެ. އެފަދަ މަގާމެއްގައި ހުރި މީހެއްގެ އެންމެ މުހިންމު ކަމަކަށް ވާން ޖެހޭނީ ދައުލަތުގެ މަސްލަހަތު އިސްކުރުން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.