ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލާ މެދުގައި ގޮތެއް ނިންމޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން މަޖިލިހުގެ މެމްބަރުން ޗުއްޓީއަށް ވަޑައިގަންނަވާނީ ޑިސެމްބަރު 15 ގައެވެ. އަދި ޗުއްޓީއަށް ފަހު ޖަލްސާތައް ފަށާނީ ފެބްރުއަރީގައެވެ.
މުހައްމަދު އިސްމާއިލް އެގޮތަށް ވިދާޅުވީ ފަލަސްތީނުގެ މައްސަލައިގައި އެންމެ ވަރުގަދައަށް އަޑު އުފުލާ އެކްޓިވިސްޓް ޑރ.ޝަޒްރާ އިބްރާހީމް މަޖިލިހުގެ ބޭރުން މެމްބަރުންނާ ބައްދަލުކޮށް ކުރި ސުވާލުތަކާ ގުޅިގެން ދެއްވި ޖަވާބުގައެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެއީ ރާއްޖެ ފަދަ ކުޑަ ގައުމަކުން އަޅާނެ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ. އަދި އެކަން ކުރަން ވާނީ އެކަމާ ގުޅިގެން ނުކުމެދާނެ އަސަރުތައް ބަލާފައި ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
އެވަރުގެ ބޮޑު ނިންމުމެއް ނިންމުމުގެ ކުރިން ޓޫރިޒަމް ސިނާއަތް ހިމެނޭހެން ވަރަށް ގިނަ ފަރާތްތަކާ މަޝްވަރާކޮށް، ގައުމަށް އަދި އިގުތިސާދަށް އެންމެ ލޮޅުން ކުޑަވާނެ ގޮތްތަކަކަށް ބަލައިގެން އެކަންކުރަންޖެހޭ ކަމަށްވެސް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބައިވަރު ފަރާތްތަކާ މަޝްވަރާކޮށްފައި އޭގެ ތެރެއިން ގައުމަށް އެންމެ ލޮޅުން ކުޑަ އެންމެ އިގުތިސާދީ ގޮތުން ކުޑަ ގޮތަކަށް އެކަންކުރަން އަޅުގަނޑުމެން ކޮމިޓީން މަސައްކަތްކުރަނީ އަދި ސަރުކާރުންވެސް ބޭނުންވަނީ،" މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ މަޖިލިސް ރިސެސްއަށް ދިއުމުގެ ކުރިން ބިލުގެ މަސައްކަތް ނިންމަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.