ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން މި އަހަރުގެ ދެވަނަ ޓާމަށް ހުޅުވާލި ސްކޮލަޝިޕް ސްކީމުގެ ދަށުން 11 ދަރިވަރަކަށް އިއްޔެ ސްކޮލަޝިޕް ލިޔުން ހަވާކުކޮށްފިއެވެ. މި ސްކޮލަޝިޕްތައް ދެވިފައިވަނީ ދެވަނަ ޓާމުގައި އަލަށް ކުރިމަތިލި ކުދިންގެ ތެރެއިން ތިން ގިންތިއަކުންނެވެ. 24 ފުރުސަތު ހިމެނޭ މި ސްކީމުގެ ދަށުން މެރިޓް އުސޫލުން 10 ދަރިވަރަކަށާއި ޝަހީދު އެވޯޑު ސްކީމުގެ ދަށުން އެއް ދަރިވަރަކަށް ވަނީ ސްކޮލަޝިޕް ލިބިފައެވެ.
އެމްއެންޔޫއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ސްކީމުގައި ހިމެނެނީ ޓިއުޝަން ފީ ހިލޭ ސްކޮލަޝިޕް، އަންޑަގްރެޖުއޭޓް ސްކޮލަޝިޕް އަދި ޕޯސްޓް ގްރެޖުއޭޓް ސްކޮލަޝިޕްއެވެ. ޓިއުޝަން ފީ ހިލޭ ސްކޮލަޝިޕް ސްކީމަށް މި ސެމިސްޓަރގައި ހުޅުވާލެވުނު 20 ފުރުސަތަށް 51 ދަރިވަރަކު ކުރިމަތިލާފައިވާއިރު، އަންޑަގްރެޖުއޭޓް ފުލް ސްކޮލަޝިޕް ސްކީމުގެ ދެ ފުރުސަތަށް 33 ދަރިވަރަކު ވަނީ އެދިފައެވެ.
މީގެއިތުރުން، ޕޯސްޓް ގްރެޖުއޭޓް ފުލް ސްކޮލަޝިޕް ސްކީމުގެ ދެ ފުރުސަތަށް 15 ދަރިވަރަކު އަދި ޝަހީދު އެވޯޑު ސްކީމުގެ ހަތަރު ފުރުސަތަށް ތިން ދަރިވަރަކު ވަނީ ކުރިމަތިލާފައެވެ. އެމްއެންޔޫއިން އިތުރަށް ހާމަކުރެއްވި ގޮތުގައި މި ސްކޮލަޝިޕް ސްކީމަކީ އެ ޔުނިވަރސިޓީގެ ކައުންސިލުން ތަޢާރަފްކުރި ސްކީމެއް ކަމަށާއި، މި ސްކީމުގެ ދަށުން ދެވޭ ސްކޮލަޝިޕްތަކުގެ ޚަރަދު ހަމަޖައްސަނީ ޔުނިވަރސިޓީއަށް ލިބޭ އާމްދަނީންނެވެ.
ޝަހީދު އެވޯޑަކީ 1988 ނޮވެމްބަރު 3 ގައި ޝަހީދުވި ޝަހީދުންގެ ޒިކުރާ އާކުރުމުގެ ގޮތުން 1999 އިން ފެށިގެން ރައީސް އޮފީހުން ދެމުންގެންދާ އެވޯޑެކެވެ. މި އެވޯޑު ދެވެނީ އެމްއެންޔޫގެ ހަތަރު ފެކަލްޓީގައި ހިންގާ އެންމެ މަތީ ފެންވަރުގެ ކޯސްތަކުގެ ފުރަތަމަ ސެމިސްޓަރުގައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ދަރިވަރުންނަށެވެ.
ކޮމެންޓު ފޮނުވާ