ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ ނުލައި ގާނޫނުއަސާސީއަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާތީ ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީއަށް ބަދަލުތައް ގެންނަވާނީ ސިޔާސީ ޕާޓީތައް ޝާމިލުކޮށް ފުޅާމިނެއްގައި މަޝްވަރާކޮށްގެންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވުމަށް ފަހު، އެއާ މުޅިން ހިލާފަށް އަމަލު ކުރައްވަމުން ގެންދަވާތީ ކަންބޮޑުވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ ނުލައި ގާނޫނުއަސާސީއަށް ގިނަ ބަދަލުތަކެއް ސަރުކާރުން މިހާރު ވަނީ ގެނެސްފައެވެ.
އެ ބަދަލުތަކުގެތެރޭގައި އެންޓި-ޑިފެކްޝަން އާ ގުޅޭ ހުށަހެޅުމެއް ހިމެނޭއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނިސްބަތްވާ ޕާޓީއަކުން އެ މެމްބަރަކު ވަކިކުރުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭނޭކަމަށް ބަޔާންކުރެއެވެ.
ޑިމޮކްރެޓްސް އިން ބުނި ގޮތުގައި އެންޓި-ޑިފެކްޝަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލުކުރުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭނޭ އުސޫލެއް ގާނޫނުއަސާސީގައި ކަނޑައެޅުމަކީ މި ޕާޓީން ތާއިދުކުރާކަމެކެވެ. ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލުވާލުމަށް ބޭނުންވެއްޖެ ކޮންމެ ފަހަރަކު ފަސޭހަކަމާއެކު އެ ޕާޓީއަކުން އެ މެމްބަރަކު ވަކިކޮށްލުމުން އެ މެމްބަރެއްގެ ގޮނޑިގެއްލޭ ކަމަށް އެ ބަޔާނުގައިވެއެވެ.
"މި ޕާޓީން މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުކޮށްފައި ވާނީ، އާންމު ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ މެމްބަރަކު، ޕާޓީއަކުން ކަނޑާލުމުން އެ މެމްބަރެއްގެ ގޮނޑި އޮޓޮމެޓިކުން ގެއްލިދާގޮތްވުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށެވެ." ޑިމޮކްރެޓްސްގެ ބަޔާނުގައިވެއެވެ.
ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އަނެއް ބަދަލުގައިވާ ގޮތުން، ކުރު ރާސްތާއާއި، މެދު ރާސްތާއާއި އަދި ދިގު ރާސްތާގެ ޕްލޭންތައް އެކުލަވާލުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވެއެވެ.
ޑިމޮކްރެޓްސް އިން ބުނީ އެކަން ކުރުމުގައި އެހެން އެއްވެސް ފަރާތެއްގެ ޝާމިލުވުމެއް ރުހުމެއް ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމެއް އޮންނަން ޖެހޭނޭކަމަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި އެއިރެއްގައި ވެރިކަމުގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަކު އެފަދަ ޕްލޭނެއް އެކުލަވާލުމުން، ދެން އެއަށް އިންތިހާބުކުރެވޭ ރައީސުން އެއަށް ތަބާވާންޖެހޭކަމެއް ނުވަތަ ނޫންކަމެއް ވެސް އެނގެން ނެތްކަން ޑިމޮކްރެޓްސް އިން ފާހަގަ ކުރިއެވެ.
އެހެންކަމުން، ސަރުކާރުން ކުރިން ބުނިގޮތަށް ގާނޫނުއަސާސީއަށް ގެނެވޭ ބަދަލުތަކުގެ މަޝްވަރާތައް ފުޅާ ދާއިރާއެއްގައި ބާއްވައި، އެކަމުގައި ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުން ޝާމިލުކުރުމަށް ޑިމޮކްރެޓްސް އިން ސަރުކާރަށް ވަނީ ގޮވާލައިފައެވެ.