އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ހައުސިން މިނިސްޓްރީން ހާޒިރުވާން އަންގާފައި ވަނިކޮށް އަޑު އެހުމަށް ހާޒިރުވެފައި ނުވާތީ އެ މިނިސްޓްރީ 350ރ. އިން ޖޫރިމަނާކޮށްފިއެވެ.
މިއީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ހައުސިން މިނިސްޓްރީ އަށް ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ބުނެ އައިކޮމް އަށް ހުށަހަޅާފައިވާ ޝަކުވާއެއް ބެލުމަށް އެ މިނިސްޓްރީއާ އެކު މި މަހުގެ ހަތްވަނަ ދުވަހު ބައްދަލުވުމެއް ތާވަލުކުރި ކަމަށެވެ.
އެ ބައްދަލުވުމަށް ހާޒިރުވުމަށް އަންގާ އެންގުމަށް މަގުބޫލު ސަބަބެއް މެދުވެރިވެގެން ހާޒިރުވެވެން ނެތް ނަމަ ބައްދަލުވުން ފެށުމަށް ކަނޑައަޅާފައިވާ ގަޑީގެ މަދުވެގެން އެއް ގަޑިއިރުގެ ކުރިން އެކަން އަންގަން ވާނެ ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި ބުނި ނަމަވެސް ހައުސިން މިނިސްޓްރީން އެ ގަވައިދަށް އަމަލުކޮށްފައި ނުވެއެވެ.
އަދި ވަކި އެއްޗެއް ނާނގާ އަޑުއެހުމަށް ހާޒިރު ނުވުމުން ޖޫރިމަނާ ކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމީއެވެ.