ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ޕާޓީގެ އެތެރޭގެ އިންތިޚާބު މި މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. އެންމެ ފުރަތަމަ މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިދިޔަ އޮކްޓޯބަރު 19 ގައި ކަމަށްވީ ނަމަވެސް، ފަހުން އެ ތާރީޚު ވަނީ މި މަހުގެ 9 އަށް ބަދަލުކޮށްފައެވެ.
އިންތިޚާބު ފަސްކުރަން ޖެހުނު ސަބަބެއްގެ ގޮތުގައި ޕީއެންސީން ބުނެފައިވަނީ ޖުމްހޫރީ ދުވަހާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމާ ގުޅިގެން، އެ ހަފްތާ ބަންދުގައި ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރުކުރުމަށް ހަމަޖެހިފައިވާތީ، މެންބަރުންނަށް ވޯޓުލުމުގައި ދަތިތަކާ ކުރިމަތިވެދާނެކަމަށް ފެންނާތީ ކަމަށެވެ. މި ބަދަލު ގެނެސްފައިވަނީ ކެންޑިޑޭޓުންނާއި މެންބަރުންގެ އެދުމުގެ މަތިންނެވެ.
އިންތިޚާބުގެ ތާރީޚަށް އައި ބަދަލާ ގުޅިގެން، އިންތިޚާބު ބާއްވާ ދާއިރާތަކާއި ރަށްރަށް އަދި ކެންޑިޑޭޓުންގެ ނަންތަކާއި ވޯޓުލެވޭ މީހުންގެ ލިސްޓު މި މަހުގެ 10 ވަނަ ދުވަހު އާންމުކުރާނެ ކަމަށް ޕީއެންސީން މަޢުލޫމާތު ދީފައިވެއެވެ. މި އިންތިޚާބުގައި ޕާޓީގެ އެތެރޭގެ 59 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރެވޭނެ ކަމަށް ޕީއެންސީން ބުނެފައިވާއިރު، މިހާރު ވަނީ އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް އާންމުކޮށްފައެވެ.
ކޮމެންޓު ފޮނުވާ