ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހެޅުނު، މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވަޒީފާއިން ވަކިކުރި މައްސަލައިގެ ބައްދަލުވުން މިއަދު ސިއްރުކޮށްފިއެވެ. ބައްދަލުވުން ސިއްރުކުރަން ހުށަހެޅީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ކަމަށްވާއިރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން ލަތީފުގެ ތާއީދާއެކު އެކަން ވަނީ ފާސްވެފައެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ޒިޔާއު ވަޒީފާއިން ވަކިކުރި ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ ޕާލިމަންޓްރީ ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވުމެވެ. ނަމަވެސް މިއީ ސިޔާސީ މަގާމެއް ނޫންކަމަށާއި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި އަވަސްއަރުވާލައިގެން ވަކިކުރީ ގަވާއިދާ ޚިލާފަށްކަމަށް ޒިޔާއު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، މަޖިލީހުގެ އިސްވެރިންގެ ބައެއް ނިންމުންތަކާ ދެކޮޅަށް ވާހަކަދެއްކުމާއި، ބެކްޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއިކުރުމަށް އިންކާރުކުރުމުގެ ސަބަބުން މި ނިންމުން ނިންމާފައިވާކަމަށް ޒިޔާއު ވިދާޅުވެފައިވެއެވެ.
އަދި މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ