މި ސަރުކާރު ބަނގުރޫޓުވާނެ ކަމަށް އެމްޑީޕީން އުއްމީދުކޮށްގެން ތިބި ކަމަށާއި، ސަރުކާރު އައުމާއެކު ތިން މަސް ތެރޭގައި ރާއްޖެ ބަނގުރޫޓުވެ އަލުން ވެރިކަމަށް އާދެވެނެކަމަށް އެމްޑީޕީން އުއްމީދުކޮށް އެ ޕާޓީގެ އިސް މެންބަރުން ހީކޮށްގެން ތިބި ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ކުރީގެ ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕުކޮށް ބާޒާރަށް ނެރުމުން ދިވެހި ރުފިޔާގެ އަގު މިހާތަނަށް ނުދެކޭ ވަރަށް ދަށްވެފައިވާ ކަމުގައެވެ. ނަމަވެސް މި ހާލަތުގައި ވެސް ރައީސް މުއިއްޒު ނިންމެވީ އިތުރަށް ފައިސާ ޗާޕު ނުކުރައްވަން ކަމަށް ސައީދު ވިދާޅުވިއެވެ.
މި ބޭފުޅުން ހީކުރީ ތިން މަސް ދުވަސް ތެރޭގައި ގައުމު ބަނގުރޫޓުވާނެ ކަމަށް. މި ބޭފުޅުން ޝެޑިއުލް ހެދީ ވެސް އެހެން. ހަދައިގެން އަބްދުﷲ ޝާހިދުމެން ފަދަ ބޭފުޅުން ހީކުރީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ތިން މަހެއްގެ ތެރޭގައި ބަނގުރޫޓުވާނެއޭ. އޭރުން ތިމަންނާމެންނޭ ދެން ވެސް އަންނާނީ.
ސައީދު ވިދާޅުވި އެވެ.
މިއަހަރުގެ މާޗު މަހާ ހަމައަށް ދާއިރު ޤައުމު ބަނގުރޫޓުވާނެ ކަމަށް އެމްޑީޕީން ހީކޮށްގެން ތިއްބާ، އިތުރު ތިން މަހަށް ވެސް ހިފަހައްޓާލެވުނު ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. ވޯލްޑް ބޭންކާއި ފިޗް އަދި މޫޑީސްއިން ރާއްޖޭގެ ރޭޓިންގ ދަށްކުރުމުން، ރާއްޖެ މިސްރާބު ޖަހާފައި އޮތީ ބަނގުރޫޓުވުމާ ދިމާއަށް ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ދައްކަމުން ގެންގޮސްފައެވެ.
އެހެން ނަމަވެސް، ސަރުކާރުން ދިޔައީ އެހެން ޤައުމުތަކާ ގުޅުން ބަދަހިކޮށް، މާލީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރަމުންނެވެ. މިހާރު 52 ހަފްތާ ފާއިތުވެގެން ދިޔައިރު ވެސް ރާއްޖެ ބަނގުރޫޓެއް ނުވެއެވެ. އަދި ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި މިއަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 6.3 ނުވަތަ 6.5 އިންސައްތައިން ކުރިއަރާނެއެވެ.
މި ބޭފުޅުން އެކި ސިޔާސީ ކޮޓަރިތަކާއި އެކި ތަންތަނުގައި ހަމަ ފޯރީގައި ގައުމު ބަނގުރޫޓުވަނީ ކަމަށް ބަލައިގެން އެކަމުގެ އުފާ ފާޅުކުރަމުން ދިޔައީ.
ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ބޭރުގެ ޤައުމުތަކުގެ ބޭންކުތަކާއި އެކި ޖަމާޢަތްތަކުން 565 މިލިއަން އެމެރިކާ ޑޮލަރު (8.7 ބިލިއަން ރުފިޔާ) ވަނީ ދީފައެވެ. ނަމަވެސް ކޮވިޑަށް ހޭދަކުރި ކަމަށް ލިޔެކިޔުންތަކުން ފެންނަނީ 4.2 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ބާކީ ހަތަރު ބިލިއަން ރުފިޔާއަށް ވީ ގޮތެއް ބަލަން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ސިޔާސީ ފަރާތްތަކުގެ ފަހަތުން ޒާތީގޮތުން ޖައްސާލައިގެން ހައްޔަރު ނުކުރާނެ ކަމަށް ރައީސް ވިދާޅުވެފައިވީ ނަމަވެސް، ދައުލަތުގެ މުދަލަށް ހިޔާނާތްތެރިވެފައިވޭތޯ ބަލައި، އެކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ.