މަރުކަޒީ ބޭންކުގެ ބޭރު ފައިސާގެ ގަވައިދު އުވާލުމަށް، މަހުޖަނު އުއްޗުގެ ކުންފުނިތަކުން ސަރުކާރުގައި އެދިއްޖެ

މަރުކަޒީ ބޭންކުގެ ބޭރު ފައިސާގެ ގަވައިދު އުވާލުމަށް، މަހުޖަނު އުއްޗުގެ ކުންފުނިތަކުން ސަރުކާރުގައި އެދިއްޖެ

ގުޅުންހުރި

ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު އަދި ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ކުންފުނިތަކުން މަރުކަޒީ ބޭންކުގެ ބޭރު ފައިސާގެ ގަވައިދު އުވާލުމަށް އެދި ސަރުކާރަށް ހުށަހަޅައިފިއެވެ. އަދި މި ގަވައިދާ އެއްގޮތަށް ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އުއްޗުގެ ކުންފުނިތަކުން ފާހަގަކޮށްފައި ވެއެވެ.

މުހައްމަދު މޫސާގެ ރިސޯޓްތައް ހިންގާ ޗަމްޕާލާސް ހޯލްޑިންގްސް، ކޮމަންޑޫ ހޯލްޑިންގްސް އަދި ކުރެއްދޫ ހޯލްޑިންގްސްއިން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މި އާ ގަވައިދަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ގޮންޖެހުމަކާއި ބޭއިންސާފެއް ކަމަށެވެ.

ގަވައިދުގައިވާ ގޮތުން ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރު މާރުކުރަން ޖެހުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި، މިކަމުގެ ސަބަބުން ރިސޯޓްތަކަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހި، މާލީ ގެއްލުމާ ކުރިމަތިލާން ޖެހިދާނެކަމަށް ވެސް ބުނެފައިވެއެވެ. އެކި ފަންތީގެ ރިސޯޓްތަކުގެ އޭޑީއާރު ތަފާތު ވިޔަސް، އެކަމަށް ބެލުމެއްނެތި ހުރިހާ ރިސޯޓަކުންވެސް އެއްވަރަކަށް ބޭރު ފައިސާ މާރުކުރަން މަޖުބޫރުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.

މި ގަވާއިދަކީ ދިވެހި ސަރުކާރުގެ ދަރަނީގެ މައްސަލަ ހައްލުކުރުމަށް ވަގުތީ ގޮތުން ހޯދި ހައްލެއް. މިކަމުގެ ސަބަބުން ދިގު މުއްދަތެއްގައި ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ.

ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ސިޓީގައި އިތުރަށް ފާހަގަކޮށްފައިވަނީ މިއީ ސަރުކާރުގެ ދަރަނީގެ މައްސަލަ ހައްލުކުރުމަށް ވަގުތީ ގޮތުން ހޯދި ހައްލެއްކަމަށާއި، މިކަމުގެ ސަބަބުން ދިގު މުއްދަތުގައި ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. އަދި މުވައްޒަފުންނަށް ދޭ އިނާޔަތްތައް ކުޑަކުރަން ޖެހި، އޭގެ ނޭދެވޭ އަސަރު މުޅި އިގްތިސާދަށް ކުރާނެކަމަށާއި، އިންވެސްޓަރުންގެ އިތުބާރު ގެއްލިގެންދާނެކަމަށް ވެސް ބުނެފައިވެއެވެ.

40 އަހަރަށްވުރެ ގިނަ ދުވަހު ރިސޯޓް ހިންގަމުން އަންނަ ފަރާތްތަކުގެ ހައިސިއްޔަތުން ގައުމުގެ މަސްލަހަތަށްޓަކައި ސަރުކާރަށް އެއްބާރުލުން ދެމުން އައި ނަމަވެސް، މި ގަވައިދަކީ ދެމެހެއްޓެނިވި ގޮތެއްގައި ބޭރު ފައިސާ މާރުކުރެވޭނެ ގޮތަށް އޮތް ގަވައިދެއް ނޫންކަމަށާއި، އެ ގަވައިދު އެކުލަވާލުމުގައި ޓޫރިޒަމް ދާއިރާގެ މަޝްވަރާ ހޯދާފައި ނުވާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ގަވައިދަށް އަމަލުކުރަން ފެށުމަށް އެކަށީގެންވާ ވަގުތު ނުދީ ވަގުތުން ގެޒެޓްކޮށްފައިވާކަންވެސް ފާހަގަކޮށް، މި ގަވައިދު އުވާލުމަށާއި، މުޅި ރާއްޖޭގެ އިގްތިސާދަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާވާނެ އުސޫލުތަކެއް އެކުލަވާލުމަށް އިލްތިމާސްކޮށްފައިވެއެވެ.

މިދެންނެވި ކަންކަމަށް ރިއާޔަތްކޮށް، މި ގަވައިދަށް އަމަލުކުރުން މިހާރުން މިހާރަށް ހުއްޓާލުމަށް އަޅުގަނޑުމެން އެދެން. އަދި މުޅި ރާއްޖޭގެ އިގްތިސާދަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާހުރި އަސަރުތަކެއް ކުރާނޭ ގޮތަށް ބޭރު ފައިސާގެ މުއާމަލާތައް ބެލެހެއްޓުމުގެ އުސޫލު ކަނޑައެޅުމަށް ސަރުކާރަށް އިލްތިމާސްކުރަން.

އުއްޗުގެ ކުންފުނިތަކުން ސަރުކާރަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ