ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގުތަކެއް ފުލުުންނަށް ހަނިކޮށް ފާސްކުރި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ތަދީޤު ކުުމާއި ގުޅިގެން އެމްޑީޕީގެ ރައީސާއި، އެޕާޓީގެ އިސްބޭފުޅުން ރައީސް ޞާލިހަށް ތަޢުރީފް ކުރައްވައިފިއެވެ.
މިއަދު ތަސްދީޤު ކުރި ފުލުހުންގެ ޤާނުނާއި ގުޅޭގޮތުން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފުލުހުންގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކަކީ ދިވެހި އެތައް ފުލުހުންނަކާއި، ދިވެހި އެތައް ރައްޔިތުންނެއް އުންމީދުކުރަމުންދިޔަ އިސްލާހުތަކެއްކަމަށެވެ. މިއިސްލާހުތަކާއިއެކު ފުލުހުންގެ ޚިދުމަތްދޭ ގޮތަށާއި މުޅި މުއައްސަސާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަރުހަބާ ރައީސް ޞާލިހު. ދިވެހި ފުލުހުންގެ ބިލުގެ މި އިސްލާހުތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އެތައް ބަޔަކާއި، އެ މުވައްއަސާއާއި، އަދި އެތައް ދިވެހި ރައްިޔތުންނެއް ނުހަނު އެދި ތިބި އިސްލާހުތަކެއް. މިކަމުން ދިވެހި ފުލުހުންނަށް އޮތީ އުންމީދީ ކުރިމަގެއް.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދަ ގޮތަކަށް ވިދާޅުވިއިރު، އެމަނިކުފާނު މި ޤާނޫނުގެ ކޮމިޓީ މަރުހަލާގައި ހުށަހެޅުއްވި އެއްވެސް އިސްލާހެއް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ބަލައިގަނެފައި ނުވެއެވެ. ފުލުހުންގެ ބިލު ތަސްދީޤު ކުރުމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް އަމަލުކުރަން ފެށުމުން ރައްޔިތުންނަށް ރައްކާތެރިކަން ލިބޭކަން އިހުސާސްވާ މިންވަރު އިތުރުވެއްޖެ ކަމަށެވެ. އަދި މިޤާނޫނައިއެކު ފުލުހުންގެ މުވައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު އެތައް ގޮތަކަށް ބޮޑުވެގެންދާނެކަމަށް ހަސަން ވިދާޅުވިއެވެ.
މަރުހަބާއާއި ޝުކުރިއްޔާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު. ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް އަމަލުކުރަން ފެށުމުން ރައްޔިތުންނަށް ރައްކާތެރިކަން ލިބޭކަން އިހުސާސްވާ މިންވަރު އިތުރުވެއްޖެ. އަދި މުއައްސަސާއަށް ކުރާ އިތުބާރު ބޮޑުވެގެންދާނެ.
– ހަސަން ލަތީފް ވިދާޅުވިއެވެ.
މިބިލު ފާސްކޮށްފައިވާއިރު ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ ތިން ހައްގެއް ފުލުހުންނަށް ހަނިވެގެން ދެއެވެ.
ފުލުހުންގެ ޚިދުމަތުގެ ބިލުން ފުލުހުންނަށް ހަނިކުރުމަށް ކޮމިޓީން ފާސްކުރި ތިން ހައްޤަކީ:
1- ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ ހައްގާއި،
2- ގާނޫނުއަސާސީގެ 31 ވަނަ މާއްދާއިން ލިބިދޭ އިހްތިޖާޖް ކުުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައި، ހަޅުތާލުކުރުމުގެ ހައްޤާއި،
3- ގާނޫނުއަސާސީގެ 32 މާއްދާއިން ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު
މި ތިން ހައްގު ފުލުހުންނަށް ހަނިކުރުމަށް ކޮމިޓީން ފާސްކޮށްފައިވާއިރު މިއީ ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ކަށަވަރުކޮށްދޭ ހައްގުތަކެކެވެ.
މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ޤާނޫނު ގެ ދަށުން ޤާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"، މި ޤާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް ބަދަލުވާނެއެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް"ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން މިއަދުންފެށިގެން ތިން މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެން މި ޤާނޫނަށް އަމަލު ކުރަން ފަށާނެއެވެ.
ކޮމެންޓު ފޮނުވާ