ސައިބާ ހަމަލާތަކުން ރައްކާތެރިވުމުގެ ގާބިލުކަން ގައުމީ ފެންވަރުގައި ގާއިމުކުރަންޖެހޭ: އިހުސާން

ސައިބާ ހަމަލާތަކުން ރައްކާތެރިވުމުގެ ގާބިލުކަން ގައުމީ ފެންވަރުގައި ގާއިމުކުރަންޖެހޭ: އިހުސާން

Author
ހުސައިން
13 ނޮވެމްބަރ 2024 09:38
0

ސައިބާ ހަމަލާތަކުން ރައްކާތެރިވުމުގެ ގާބިލުކަން ގައުމީ ފެންވަރުގައި ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިހެން ވިދާޅުވީ އިސްކަންދަރު ކޮށީގައި ބޭއްވުނު ސައިބާ އެކްސްޕޯ 2024 ގެ އިފްތިތާހީ ރަސްމިއްޔާތުގައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިބާ ސެކިއުރިޓީ ހަރަކާތެއް ފުލުހުންނާއި ކަމާގުޅޭ މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދިއުމަކީ މި ދާއިރާގެ އިސްވެރިން މިކަމަށް ދެއްވާ ސަމާލުކަން ހާމަވާ ކަމެއްކަމަށް އިހުސާން ވިދާޅުވިއެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ސަރުކާރުގެ އެކި އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކަށް ދޭތެރެދޭތެރެއިން ސައިބާ ހަމަލާތައް އަންނަކަން ފާހަގަކުރައްވައި، ރާއްޖޭގެ ސައިބާ ސްޕޭސް އޮތް ގޮތް ދިވެހިން ވަޒަންކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ސައިބާ ހަމަލާތައް 31 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، އަންނަ އަހަރަށް ލަފާކުރާ ގޮތުން ކޮންމެ ރެންސަމްވެއާ ހަމަލާއެއްގެ އެވްރެޖް އަގަކީ 200،000 ޑޮލަރުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކުއްޖަކު ވިހާ ހިސާބުން ފެށިގެން އެ ކުއްޖާގެ ރެކޯޑުތަކުން ފެށިގެން ދައުލަތުގެ ހިންގުމުގެ އެންމެ ޓެކްނިކަލް ހިސާބާ ހަމައަށް ހުރިހާ ކަމެއް މިހާރު ހިނގަމުން އަންނަނީ ސައިބާ ސްޕޭސްގެ ތެރެއިންކަން އިހުސާން ފާހަގަކުރެއްވިއެވެ. އަދި ވަކިވަކި ވުޒާރާތަކާއި ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި އެކަނި އޮންނަ ކަމެއްގެ ގޮތުގައި ނުބަލައި، ގައުމީ ފެންވަރެއްގައި މުޅި ސައިބާ ސްޕޭސް މެނޭޖްކޮށް، އަންނަ ނުރައްކާތައް ދެނެގަނެ، އޭގެ ދިފާއު ގާއިމުކޮށް، އެ ނުރައްކާތައް ނިއުޓްރަލައިޒްކުރުމުގެ ގާބިލުކަން ގައުމީ ފެންވަރުގައި ގާއިމުކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންނާއި ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ގުޅިގެން އިންތިޒާމުކުރާ މި އެކްސްޕޯގައި މި ދާއިރާގެ ތައުލީމީ ބޭފުޅުންނާއި، އަމިއްލަ ސެކްޓަރގެ ބޭފުޅުންނާއި، ސަރުކާރުގެ އިދާރާތަކުން އެންމެ ފުރިހަމައަށް ބައިވެރިވެ، ފައިދާ ހޯދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.