މެޑިކަލް ވެލްފެއާ ސްކީމް އުވާލާ، ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖު ހަމަޖައްސަނީ

މެޑިކަލް ވެލްފެއާ ސްކީމް އުވާލާ، ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖު ހަމަޖައްސަނީ

Author
ހުސައިން
12 ނޮވެމްބަރ 2024 12:01
0

ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމް އުވާލައި، އޭގެ ބަދަލުގައި ޕްރައިވެޓް އިންޝުއަރެންސް ނިޒާމަކަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ބަޖެޓު ތަފްސީލުތަކުން ދައްކާގޮތުގައި މިހާރު އޮތް މެޑިކަލް ވެލްފެއާ ސްކީމަކީ ސިފައިންނާއި ފުލުހުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް ވަރަށް ބޮޑު ހަރަދެއް ހިނގާ ނިޒާމެކެވެ. މި އަހަރު އެކަނި މި އިންޝުއަރެންސަށް 322 މިލިއަން ރުފިޔާ ވަނީ ހޭދަކުރެވިފައެވެ.

މި ސްކީމުގެ އެއް މައްސަލައަކީ އެއްވެސް ލިމިޓެއް ނެތުމެވެ. އޭގެ ސަބަބުން ކޮސްމެޓިކް ޕްރޮސީޖާތަކާއި އެކި ކޮންސިއުމަބަލްތައް ވެސް މި ސްކީމުގެ ދަށުން ލިބެއެވެ. މި ކަންކަން ހައްލުކުރުމަށް، ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖައްސައި، ދައުލަތުގެ ހަރަދު ކޮންޓްރޯލް ކުރުމަށް ވަނީ ނިންމާފައެވެ.

އަދި ޕްރައިވެޓް އިންޝުއަރެންސްގެ ލިމިޓް ހަމަވުމުން އާސަންދަ ނިޒާމުގެ ތެރެއިން ވެސް ސިއްހީ ފަރުވާ ލިބޭނެއެވެ. މި ބަދަލު އަންނަ އަހަރުގެ ފުރަތަމަ ބައިގައި ގެނައުމަށް ވަނީ ނިންމާފައެވެ.

އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް ކަނޑައެޅި ބަޖެޓަށްވުރެ 35 ޕަސެންޓް އިތުރަށް ވަނީ ހޭދަކޮށްފައެވެ. އެގޮތުން އިތުރު އިންޝުއަރެންސްތަކަށް ބަޖެޓުގައި ކަނޑައެޅި 179 މިލިއަން ރުފިޔާ އަހަރު ނިމުނުއިރު 241 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

މި ހަރަދުތައް އަހަރުން އަހަރަށް އިތުރުވަމުން ދާކަން ފާހަގަކުރެވެއެވެ. 2019 ވަނަ އަހަރު ސިފައިންނާއި ފުލުހުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް ހޭދަކުރި 148 މިލިއަން ރުފިޔާ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 40 ޕަސެންޓަށް އިތުރުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.