މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ މި އަހަރާ އަޅާބަލާއިރު އަންނައަހަރު 20.3 އިންސައްތަ އިތުރުވާނެ

މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ މި އަހަރާ އަޅާބަލާއިރު އަންނައަހަރު 20.3 އިންސައްތަ އިތުރުވާނެ

ދައުލަތުގެ "ބަޖެޓު ޕޮޒިޝަން ރިޕޯޓު 2025″ ގައި ހާމަކޮށްފައިވާ ގޮތުގައި، އަންނަ އަހަރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ މި އަހަރާ އަޅާބަލާއިރު 20.3 އިންސައްތަ އިތުރުވެ، 13.9 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފިއެވެ. މިއީ ރިކަރަންޓް ޚަރަދުގެ ތެރެއިން އެންމެ ބޮޑު ހޭދައެވެ.

މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދު މިހާ ބޮޑަށް އިތުރުވާން ދިމާވަނީ ގިނަ ސަބަބުތަކެއް ހުރެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގަން ފެށުމާ ގުޅިގެން އެތަނުގައި މަސައްކަތްކުރާނެ އިތުރު މުވައްޒަފުންނަށާއި، އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ މުވައްޒަފުންނަށް ހިނގާނެ ޚަރަދު މީގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން އަންނަ އަހަރު އެންމެ ގިނަ މުވައްޒަފުން އިތުރުވާނީ ޞިއްޙީ ދާއިރާއިންނެވެ.

މީގެއިތުރުން، މުސާރަތައް އެއްހަމަކުރުމުގެ މަސައްކަތުގެ ތެރެއިން، އަދި އާ ޕޭ ފްރޭމްވޯކަށް ބަދަލުނުވާ ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުން އާ ޕޭ ފްރޭމްވޯކަށް ބަދަލުކުރުމަށް ނިންމާފައިވުމަކީވެސް މި ޚަރަދު އިތުރުވާ ސަބަބެކެވެ.

މި އަހަރުގެ މިހާތަނަށް މުވައްޒަފުންގެ މުސާރައަށް 11.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 9.9 ބިލިއަން ރުފިޔާއަށްވުރެ 12.6 އިންސައްތަ އިތުރު އަދަދެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *