ދައުލަތުގެ "ބަޖެޓު ޕޮޒިޝަން ރިޕޯޓު 2025″ ގައި ހާމަކޮށްފައިވާ ގޮތުގައި، އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފިއެވެ.
މިއީ މި އަހަރު ނިމޭއިރު ހުންނާނެ ކަމަށް ބެލެވޭ 653.6 މިލިއަން ޑޮލަރަށްވުރެ 51 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. މި ކުރިއެރުން އަންނާނެ ކަމަށް ބެލެވެނީ އޮކްޓޫބަރު މަހުން ފެށިގެން އަމަލުކުރަން ފެށި އައު ބޭރުފައިސާގެ ގަވާއިދުގެ ދަށުން އެމްއެމްއޭއަށް ލިބޭ ބޭރުފައިސާ އިތުރުވުމުގެ ސަބަބުންނެވެ.
2023 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރީ 590.5 މިލިއަން ޑޮލަރެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި، ޖުމުލަ ޚަރަދު 49.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. މީގެ ތެރެއިން 35.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ޚަރަދު ކަމަށްވާއިރު، 13.3 ބިލިއަން ރުފިޔާ ހިމެނިފައިވަނީ ކެޕިޓަލް ޚަރަދުގެ ގޮތުގައެވެ. މީގެއިތުރުން، ދައުލަތުގެ ދަރަނި އަދާކުރުމަށް 3.9 ބިލިއަން ރުފިޔާ އާއި، ސަރުކާރުން ލޯނު ދޫކުރުމަށް 3.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ލޯނު ދޫކުރުމަށް ކަނޑައެޅި ފައިސާގެ ތެރެއިން އެއް ބިލިއަން ރުފިޔާ ހިމެނިފައިވަނީ 5 އިންސައްތަ އިންޓަރެސްޓްގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށެވެ. އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ހުށަހަޅާފައިވާ ބަޖެޓަކީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.