ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ބޭއްވުނު ގޮތާމެދު ބޮޑީބިލްޑިން އެސޯސިއޭޝަނުން މާފަށް އެދިއްޖެ

ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ބޭއްވުނު ގޮތާމެދު ބޮޑީބިލްޑިން އެސޯސިއޭޝަނުން މާފަށް އެދިއްޖެ

Author
ހުސައިން
10 ނޮވެމްބަރ 2024 09:24
0

ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބޭއްވި ގޮތާމެދު އާންމުން ނުރުހުން ފާޅުކުރަން ފެށުމާ ގުޅިގެން، މުބާރާތް އިންތިޒާމުކުރި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން މާފަށް އެދިއްޖެއެވެ.

އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ ނަން ބައިނަލްއަގުވާމީ ކުޅިވަރުގެ ދުނިޔޭގައި ވަރުގަދަކޮށް، އިގްތިސާދާއި ޓޫރިޒަމަށް ކުރިއެރުން ހޯދުމަށް ވިސްނައިގެން، އެހެން ގައުމުތަކާ ވާދަކޮށް، ވަރަށް ދުރާލާ މަސައްކަތްކޮށްގެން މި މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ހޯދާފައިވާ ކަމަށެވެ.

ކެންސަލްކޮށްފިނަމަ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށާއި މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން ރާއްޖެއަށް ލިބިދާނެ ގެއްލުންތަކަށް ރިއާޔަތްކޮށް، ކޮންޓްރެކްޓް ހެދުމަށްފަހު މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމި ކަމަށާއި، މުބާރާތް ބާއްވާފައިވަނީ ޓޫރިސްޓުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ އެއްގޮތަށް އުޅެވޭ ރިސޯޓެއްގައި ކަމަށް ބަޔާނުގައި ބުނެއެވެ.

ރައީސް މުއިއްޒުގެ ތަސައްވުރާއި ސްޕޯޓްސް މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް މުބާރާތް ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރި ނަމަވެސް، މުބާރާތާ ގުޅޭގޮތުން ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން އާންމުންގެ ކަންބޮޑުވުން ހުރުމާއެކު، ރައީސް މުއިއްޒާއި ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށާއި، މުސްތަގުބަލުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް އެ އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.