އަވަށްޓެރި އިންޑިއާ ސަރުކާރުން ހަދިޔާކުރި އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް "ހުރަވީ" މަރާމާތަށް އިންޑިއާއަށް ފުރައިފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިންޑިއާގެ ކޯސްޓްގާޑް މަނަވަރު "އައިއެންއެސް ތަލްވާރު" އައިއިރު، އެ މަނަވަރާއެކު "ހުރަވީ" އިންޑިއާއަށް ގޮސްފައިވާ ކަމަށެވެ.
Committed to enhancing capacities!
INS Talwar @indiannavy departed Male’, accompanying @MNDF_Official CGS Huravee for her refit at Naval Dockyard, Mumbai.
🇮🇳 🤝🇲🇻@SpokespersonMoD@IndianDiplomacy pic.twitter.com/UkFYFFAMQt
— India in Maldives (@HCIMaldives) November 10, 2024
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މަޝްވަރާ ކުރައްވައި އެއްބަސްވި ކަންކަމުގެ ތެރޭގައި، މިދިޔަ އަހަރު ރާއްޖެއަށް ހަދިޔާކުރި ކޯސްޓްގާޑް ޝިޕް "ހުރަވީ" ހިލޭ މަރާމާތުކުރަން ނިންމާފައިވެއެވެ. މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ތެރެއިން އިންޑިއާއިން ނިންމި ނިންމުމެކެވެ. ކުރިންވެސް އިންޑިއާގެ ހިލޭ އެހީގައި "ހުރަވީ" މަރާމާތުކޮށްފައިވާއިރު، އާންމުކޮށް މިފަދަ ކޮންމެ މަރާމާތަކަށް ހަތަރު މިލިއަން ޑޮލަރު ހޭދަވެއެވެ.
މިހާރު ބޭނުންކުރާ "ހުރަވީ" އަކީ ކުރިން އެނަމުގައި ބޭނުންކުރި އުޅަނދުގެ ބަދަލުގައި އިންޑިއާއިން ހަދިޔާކުރި އުޅަނދެކެވެ. ކުރީގެ "ހުރަވީ" ވެސް އިންޑިއާއިން ވަނީ 2006 ވަނަ އަހަރު ރާއްޖެއަށް ހަދިޔާކޮށްފައެވެ. އޭރުއްސުރެ ކޮންމެ ދެ އަހަރަކުން އެއްފަހަރު އިންޑިއާގެ ހިލޭ އެހީގައި އުޅަނދު ރީފިޓްކޮށް މަރާމާތުކޮށްދެމުން ގެންދެއެވެ.
"ހުރަވީ" އަކީ އެމްއެންޑީއެފް ކޯސްޓްގާޑުން ބޭނުންކުރާ އެންމެ ބޮޑު އުޅަނދެވެ. މި އުޅަނދު ބޭނުންކުރަނީ ބަލިމީހުން އުފުލުމަށާއި ކަނޑުމަތީގައި ހިނގާ ތަފާތު ހާދިސާތަކުގައި ހަރަކާތްތެރިވުމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށެވެ. އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއްކަމަށާއި، މިކަމުގައި އިންޑިއާ ސަރުކާރުން ދެމުންއަންނަ އެހީތެރިކަން އެމްއެންޑީއެފުން އަބަދުވެސް ފާހަގަކުރާކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ