ރާއްޖޭގެ ތައުލީމަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ ޗާންސެލަރު ކަމުގެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު ޒާހިރު ހުސައިނަށް އެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ޒާހިރު ހުސެއިނަށް މި ޝަރަފު އެރުވުމަށް ރައީސް ނިންމެވީ، ދިވެހިރާއްޖޭގެ ތަޢުލީމީ ތަރައްގީއަށާއި، ރާއްޖޭގައި ތައުލީމު ފުޅާކުރެއްވުމަށާއި، ތައުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރެއްވުމަށް އިޚްލާސްތެރިކަމާއެކުގައި، ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށް މި ޝަރަފު އެރުވުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާރޭ 8:15 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
މި ޖަލްސާގައި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުންވެސް އޮންނާނެއެވެ. މި އަހަރު އިނާމު ލިބިވަޑައިގަންނަވަނީ 40 ބޭފުޅުންނަށެވެ. އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވީ، ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ. މީގެއިތުރުން، ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުވެސް އެ ޖަލްސާގައި، 53 ބޭފުޅަކަށް ދެއްވާނެއެވެ. ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވަވަނީ، ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
ކޮމެންޓު ފޮނުވާ