ފްލައިން ސްކޫލުގެ މައްސަލާގައި ތަރިކައިގެ ކޮމިޓީ މެމްބަރުން އައްޑޫ ސިޓީއަށް

ފްލައިން ސްކޫލުގެ މައްސަލާގައި ތަރިކައިގެ ކޮމިޓީ މެމްބަރުން އައްޑޫ ސިޓީއަށް

Author
މުޙައްމަދު ޝަޒައިމް
27 ޑިސެމްބަރ 2020 03:35
0

އައްޑޫ ފްލައިންގ ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ 6 މެމްބަރަކު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

ފްލައިން ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރަމުންދަނީ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީންނެވެ. މި ދަތުރާއި ގުޅޭގޮތުން މިވަގުތު އައްޑޫ ސިޓީގައި ހުންނެވި ކޮމިޓީގެ މެމްބަރަކު ވިދާޅުވީ، މި ދަތުރަކީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލާގައި ފްލައިން ސްކޫލުގައި ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް ކުރައްވާ ދަތުރެއްކަމަށެވެ.

ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކޯސް ނުނިމި ދިގުލައި ގޮސްފައިވާ ކަމަށާއި ދަރިވަރުންގެ ހައްގުތައް އޭއޭއޭ އިން ކަށަވަރުކޮށް ނުދޭކަމަށް ބުނެ ދަރިވަރުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެ ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ގާތުން ބަލައި ހައްލެއް ހޯދުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ވަނީ މަޖިލިސް ރައީސަށް ސިޓީއެއް ފޮނުވައިފައެވެ.

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ ގިނަ ކަންބޮޑުވުންތަކެއް ކސްލޫގެ މެނޭޖްމަންޓާއި ގުޅޭގޮތުން ހުރިއިރު، މެނޭޖްމަންޓުން ނިންމާ ބައެއް ނިންމުންތައް އަލުން އަބުރައި ގެންދިއުމަނށް ޓްރާސްޕޯޓް މިނިސްޓްރީން ވަނީ ދަންނަވާފައެވެ. އެގޮތުން އައްޑޫ ފްލައިންގ ސްކޫލުން ދަރިވަރުން ވަކި ކުރަމުންދާ މައްސަލައާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، މިހާތަނަށް ވަކި ކުރުމަށް ނޯޓިސް ދީފައިވާ ހުރިހާ ދަރިވަރުންގެ ނޯޓިސް ބާޠިލުކުރުމަށް އެ ސްކޫލަށް އަންގާފައިވާކަމަށެވެ.

އަދި އެ ސްކޫލުން އެގޮތަށް ޢަމަލު ނުކުރާނަމަ އެކަން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ރިޕޯޓު ކުރުމަށާއި، މިގޮތަށް ހުށަހަޅާ ހުރިހާ ރިޕޯޓެއް ބަލާނެކަމުގެ ޔަޤީންކަންވެސް އެ މިނިސްޓްރީން ވަނީ ދެއްވާފައެވެ. އަދި ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތައް ތަންދޭ ކަމެއް ނޫންކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ކަމާބެހޭ ޤަވާޢިދުތަކާއި އުޞޫލުތަކަށް ޢަމަލުކުރުމަށް ވެސް އެ ސްކޫލަށް އަންގާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަލީ
ހާދަ ބޮޑު ނުފޮރުއްޕާނެއް ތިއީ.މިގައުމުގަ ސަރުކާރެއް އެބައޮތްތަ? ސަރުކާރު ހިންގަނީ ތި ފުލައިން ސްކޫލުންތަ? ނޫނީ ތިއުޅެނީ ބަޔަކަށް ބައި އެޅޭ ގޮތަށް ބަޔަކަށް ލާރިގަނޑެއް ދޭންތަ?