ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް މިދިޔަ އަހަރުގެ މެއި މަހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ގާނޫނު އަލުން އިސްލާހުކުރަން އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފިއެވެ.
ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދުމަށް މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފައެވެ. އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެންވީމަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެއެވެ. އެހެންކަމުން އީސީން އަންނަނީ އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ގާތްވާއިރު އަދިވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލާތީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިހާރު އިންތިހާބު ބާއްވަން ލަފާކޮށްފަ ވަނީ އަންނަ އަހަރުގެ މާޗް މަހުގައި ކަމަށް ވާއިރު އީސީން ތަކުރާރުކޮށް ބުނަމުން އަންނަނީ އަންނަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލައިފިނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަގެ އެންމެ ގިނަ ދުވަސްވީ އެއް މެމްބަރު ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީގެ 170 ވަނަ މާއްދާގައި ބަޔާންކުރާ އިންތިހާބު ބޭއްވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދިނުމަށްޓަކައި ގާނޫނު ނަމްބަރު 2020/3 ގެ ހަތް ވަނަ މާއްދާ އަވަހަށް އިސްލާހު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ހަބީބް އެ ފާހަގަ ކުރައްވަނީ އިންތިހާބު ބާއްވަން ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ޖެހޭނެ ކަމަށް ބުނާ މާއްދާއެވެ.
އެހެންވީމާ، ޤާނޫނުއަސާސީ ގެ 170 ވަނަ މާއްދާގައި ބަޔާންކުރާ އިންތިޚާބު ބޭއްވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދެއްވުމަށްޓަކައި، ޤާނޫނު ނަންބަރު 2020/3 ގެ 7 ވަނަ މާއްދާ އަވަހަށް އިސްލާޙްކޮށްދެއްވުން އެދެން. @mvpeoplesmajlis @ElectionsMv @presidencymv @MohamedNasheed @HPA_MV pic.twitter.com/gndsWyMHL1
— Ismail Habeeb (@IsmailHabeeb) December 27, 2020
އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގެ ދަށުން އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހަކީ އެންމެ ފަހު ތާރީހުކަމަށް ބަޔާންކޮށްފައިވާއިރު، މާޗް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާފައިވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ރޯދަ މަސް ފެށޭތީކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް އާދަމް މީގެ ކުރިން ވަނީ ވިދާޅުވެފައިއެވެ.
ކައުންސިލް އިންތިޚާބު ސަރުކާރަށް ކާމިޔާބު ނުވާނެކަން ޔަގީންވާތީ އިންތިޚާބު މިހާރު އޮތް ތާރީހުގައި ނުބޭއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ