މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހަތަރު އަތޮޅެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި، މަސްތުވާތަކެއްޗާއެކު އަށް މީހަކު ހައްޔަރުކޮށްފިއެވެ.
އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ނ.ވެލިދޫ، ތ.ވިލުފުށި، ދ.ކުޑަހުވަދޫ އަދި މ.ވޭވަށުގައެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން ވެލިދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށު ފަޅު ގެއެއްގެ ތެރޭގައި ބަޔަކު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކުރާކަމަށް ވެލިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެމްބަރު 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެެކެވެ. މި އޮޕަރޭޝަނުގައި 32 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ދެ ފިރިހެނުންނާއި 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއ ހުރި ހަ ރަބަރު ޕެކެޓް ފެނިފައިވެއެވެ.
ވިލުފުށީގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެމްބަރު 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުންގެ އިންޓެލިޖެންސާއި ވިލުފުށީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮަޕަރޭޝަނުގައި 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓް ފެނިފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މިހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލުފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ކުޑަހުވަދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައިވެސް މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެމްބަރު 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 20 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ. ކުޑަހުވަދޫގައި މަސައްކަތްކުރާ ފުލުހުންނާ، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުދެލި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ. ވޭވަށުގައި ހިންގި އޮޕަރޭޝަނަކީ، މާލެއިން މ. އަތޮޅަށް ދާ ބޯޓަކުން ވޭވަށަށް މަސްތުވާތަކެތި އެތެެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މުލަކު ޕޮލިސް ސްޓޭޝަނާއި މުލީ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ޑިސެމްބަރު 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ވަނީ 39 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. މި އޮޕަރޭޝަނުގައި އެރަށު ބަނދަރުމަތީގައި ހުރި ފޮށިގަނޑެއް ބަލައިފާސްކޮށްފައިވާއިރު އެފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި، ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި 500އެމްއެލްގެ ދެފުޅި ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މުލީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ