ބޮޑެތި ހޭދަތަކަކާއެކު ގެދޮރު އިމާރާތްކުރުމުގެ މަސައްކަތަށް ލުޔެއް ގެނެސްދިނުމުގެ ގޮތުން، އެކަށީގެންވާ ކުޑަ އިންޓަރެސްޓް ރޭޓެއްގައި "ހިޔާވަހި ފައިނޭންސިން ސްކީމު" ތައާރަފުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވި މި ސްކީމަކީ އެއް ބިލިއަން ރުފިޔާގެ ފަންޑަކާއެކު ކުރިއަށްގެންދާ، އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ތިން ބާވަތެއްގެ ލޯނު ދޫކުރާ ސްކީމެކެވެ.
އަތޮޅުތެރޭގައި ގެދޮރު އިމާރާތްކުރުމަށް "ހިޔާވަހި ރަށްވެހި" ގެ ނަމުގައި ދޫކުރާ ލޯނުގައި އިކުއިޓީ ދެއްކުމަކާ ނުލައި، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން 25 އަހަރުގެ މުއްދަތަށް ފަސް ޕަސެންޓް އިންޓަރެސްޓްގައި ފައިސާ ދޫކުރެއެވެ.
އާބަން ސެންޓަރުތަކުގައި ގެދޮރު އިމާރާތްކުރުމަށް "ހިޔާވަހި ސަހަރު" ގެ ނަމުގައި ގިނަވެގެން ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެއެވެ. މި ލޯނު ދޫކުރަނީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުންނެވެ. މިއީވެސް 25 އަހަރަށް ފަސް ޕަސެންޓް އިންޓަރެސްޓްގައި ދޫކުރާ ލޯނެކެވެ.
މާލެ ސަރަހައްދަށް ޚާއްޞަކޮށްގެން "ހިޔާވަހި ފުރަމާލެ" ގެ ނަމުގައި ދޫކުރާ ލޯނުގެ އަދަދު ހަ މިލިއަން ރުފިޔާއަށް އަރައެވެ. ނަމަވެސް 600 އަކަފޫޓަށްވުރެ ކުދި ބިންތައް އެއްކޮށްލައިގެން ގެ އިމާރާތްކުރާނަމަ، އިތުރުކުރާ ކޮންމެ ބިމަކަށް އެއް މިލިއަން ރުފިޔާ އިތުރުކޮށް، ޖުމުލަ 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގިދާނެއެވެ. މި ލޯނަށް 10 ޕަސެންޓްގެ އިކުއިޓީއެއް ނެގުމާއެކު، 25 އަހަރުގެ މުއްދަތަށް ފަސް ޕަސެންޓް އިންޓަރެސްޓްގައި ދޫކުރާ މި ލޯނުވެސް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުންނެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ހިމެނޭ މި ލޯނު ސްކީމަކީ ގެދޮރު އިމާރާތްކުރުމަށް ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.
ކޮމެންޓު ފޮނުވާ