ދުނިޔޭގެ ސިޔާސީ މަޝްރަހު ބަދަލުވަމުންދާ ގޮތުން ރާއްޖެއަށް ކުއްލި ނުރައްކަލެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. އެހެންކަމުން ދިވެހި ރައްޔިތުން އަބަދުވެސް ތިބެންވާނީ މިފަދަ ކަންކަމަށް ސަމާލުވެ ތައްޔާރަށްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް ލިބުނު ނަސްރަކީ މާތްﷲ ގެ ހަޒްރަތުން ލިބުނު ނަސްރެކެވެ. އަދި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެސް އީމާންތެރިކަން ވަރުގަދަ ކުރަން ޖެހެއެވެ.
ނޮވެމްބަރު ތިނެއްގެ ހާދިސާއިން އަޅުގަނޑުމެންނަށް ދަސްވި އެންމެ މުހިންމު އެއް ފިލާވަޅަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ މުހިންމުކަމެވެ. ސިޔާސީ ޕާޓީތައް އުފެދި ހިނގަމުންދިޔަ ނަމަވެސް، ގައުމީ ވަހުދަތަށް އުނިކަމެއް އަންނަން ދޫކޮށްގެން ނުވާނެއެވެ. އެއީ ގައުމީ އުސޫލުތަކަކީ އަބަދުވެސް ސިޔާސީ ކަންކަމަށްވުރެ އިސްކަންދޭންޖެހޭ އުސޫލުތަކެއް ކަމަށްވާތީއެވެ.
މައުމޫން ފާހަގަކުރެއްވި ގޮތުގައި ނޮވެމްބަރު ތިނެއްގެ ހާދިސާގައި ވެސް ފެނިގެން ދިޔައީ ދިވެހިންގެ ވަރުގަދަ އެއްބައިވަންތަކަމުގެ މަންޒަރުތަކެވެ. ސަރުކާރާމެދު ހިތްހަމަނުޖެހޭ ފަރާތްތަކެއް ތިބި ނަމަވެސް، އެ ދުވަހު ހުރިހާ ދިވެހިންވެސް ތިބީ ސަރުކާރާއެކުގައެވެ.
އަދި މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީ އުފަލެއް ކަމަށް ވިދާޅުވަމުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ވަރުގަދަކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް މައުމޫން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ވަރުގަދަ ކުރައްވާ ދެމެހެއްޓެވުމަށްޓަކާ، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަށް ތާއީދުކޮށް ޝުކުރާއި ސާބަސް ދަންނަވަން.
މައުމޫން ވިދާޅުވި އެވެ.