ރާއްޖޭގެ މިނިވަންކަން ދިފާޢުކުރަން ދިވެހި ސިފައިން ތިބީ ފުރާނައިން ޤުރުބާންވާން ތައްޔާރަށް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ ވިދާޅުވެއްޖެއެވެ.
މޭޖަރ ޖެނެރަލް ހިލްމީ މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވުނު އެމްއެންޑީއެފްގެ އަސްކަރީ ހުށަހެޅުންތައް ދެއްކުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިފަދަ ދުވަހެއްގައި އެންމެ ބޮޑު އުފަލަކީ ސިފައިންގެ އެންމެ މަތީ ވެރިޔާއަކީ ރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށް، އަސްކަރިއްޔާ އިތުރު ހަރުފަތަކަށް ގެންދަވައި، އަދި ފުރަތަމަ އަހަރުގައިވެސް އަސްކަރިއްޔާ ތަރައްޤީކުރުމުގައި ނަތީޖާތަކެއް ހާޞިލްކޮށްދެއްވާފައިވާ ބޭފުޅަކަށްވުން ކަމަށް ހިލްމީ ފާހަގަކުރެއްވިއެވެ.
ދިވެހި ރައްޔިތުންނަށް މި އަރުވާ ޔަގީންކަމަކީ، ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމުގައި އަޅުގަނޑުމެން ދިވެހި ސިފައިން މި ތިބީ ފުރާނައިން ގުރުބާންވާން ތައްޔާރަށް."
ހިލްމީ ވިދާޅުވެފައި ވެއެވެ.
ސަރުކާރުގެ ކުރީކޮޅު އަސްކަރިއްޔާގެ ވައިގެ ޤާބިލްކަން އިތުރުކުރުމުގެ މުހިންމު ކަންތައްތަކެއް ކުރެވި، ކަނޑުއަޑީގެ ޚާއްޞަ އޮޕަރޭޝަންތައް ހިންގުމަށް މިއަދު ވަކި ފޯސްއެއް ތަޢާރަފުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި ހަމަލާތައް ދޭން ފެށިއިރު، ހިދުމަތާ ގުޅިވަޑައިގެންނެވިތާ އަހަރެއްވެސް ނުވާ އިރު، ޕްރައިވެޓްގެ ރޭންކުގައި އޭނާ ހުންނެވީ ސިފައިންގެ ލޯންޗުގެ ފަޅުވެރިއެއްގެ ގޮތުގައެވެ.
ބަންޑާރަ ކޮށްޓަށް ހަމަލާދެމުންދިޔަ ވަގުތުގެ ހަނދާންތައް އަދިވެސް ނުފިލާ ކަމަށާއި، ރާއްޖޭގެ މިނިވަންކަން ދިފާޢުކުރަން ކުރި ހަނގުރާމަ ހަނދާނަށް އަންނަ ކަމަށް ބުނެ، ނަޞްރު ލިބުނު ދުވަހުގެ ބަޠަލް ޝަހީދު ޙުސައިން އާދަމްގެ ހަނދާންތައް އާކުރެއްވިއެވެ. 20 އަހަރުގެ އެ ޒުވާނާ ރާއްޖޭގެ މިނިވަންކަމާއި އިސްލާމްދީނަށް ނަޞްރު ހޯދައިދިނުމަށް ހަމަލާދެނިކޮށް ޝަހީދުވެވަޑައިގަތީ ހަމަލާދޭން ފެށިތާ ވިއްސަކަށް މިނެޓު ފަހުން ކަމަށް ހިލްމީ ވިދާޅުވިއެވެ.
މިއީ ޤައުމު ދިފާޢުކުރުމުގައި ކޮންމެ ސިފައިންގެ މީހަކުވެސް އަޒުމް ކަނޑައަޅަންޖެހޭ ކަމެއްގެ ގޮތުގައި ހިލްމީ ވިދާޅުވިއެވެ. އަދި ސިފައިން ކޮށްފައިވާ ހުވަޔާ އެއްގޮތަށް ސާބިތުކަމާއެކު ތިބިކަމުގެ ޔަޤީންކަން ރައީސަށް އަރުވައި، ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމުގައި ދިވެހި ސިފައިން ތިބީ ފުރާނައިން ޤުރުބާންވާން ތައްޔާރަށްކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާފައިވެއެވެ.