ކްރިމިނަލް ކޯޓުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ކ. ފުށިދިއްގަރުފަޅު މައްސަލައިގެ ދައުވާ ބޭރުކޮށްލުމާ ގުޅިގެން، ދެވަނަ ފަހަރަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހުށަހެޅި އިސްތިއުނާފުވެސް ހައިކޯޓުން ބޭރުކޮށްލާއިފިއެވެ.
މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅިއިރު، ޖިހާދު ރާއްޖެއިން ބޭރުގައި ހުރުމުން އޭނާގެ އެޑްރެހަށް ފޮނުވި ޗިޓު ރައްދު ނުކުރެވުމާ ގުޅިގެން، މައްސަލަ އަލުން ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު މައްސަލަ ފޮނުވާލެވުނެވެ. ޖިހާދު ރާއްޖެ ވަޑައިގަތުމުން، ކޯޓުން ދިން މުއްދަތު ހަމަވިތާ ދެ ދުވަސް ފަހުން ޕީޖީ އޮފީހުން މައްސަލަ އަލުން ހުށަހެޅިއެވެ. މުއްދަތު އިތުރުކޮށްދިނުމަށް އެދުނު ނަމަވެސް، މުއްދަތު ހަމަވުމަށްފަހު ހުށަހެޅި މައްސަލައެއްގެ ގޮތުގައި ބަލައި ހައިކޯޓުން މައްސަލަ ރަޖިސްޓްރީ ނުކޮށްދިނުމަށް ނިންމިއެވެ.
ޖިހާދުގެ މައްޗަށް ކުރެވުނު ދައުވާއަކީ ވަހީދުގެ ވެރިކަމުގައި އޭނާ ފިނޭންސް މިނިސްޓަރުގެ މަޤާމުގައި ހުންނެވިއިރު، ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށް ކެބިނެޓުން ނިންމާފައިވަނީ ސަރުކާރުގެ 50 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗަރ އެއްބަސްވުމެއް ހެދުމަށް ކަމުގައިވީ ނަމަވެސް، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސަރުކާރުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް އެއްބަސްވުމުގައި ސޮއިކުރެއްވުމާ ގުޅޭ މައްސަލައެކެވެ.
ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި މި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ މިދިޔަ ޖުލައި 25 ގައެވެ. އަދި ދައުލަތުން އެ ނިންމުން އިސްތިއުނާފްކުރީ އޮގަސްޓް 29 ގައެވެ.
މިދިޔަ މަހުގެ 11 ގައި މައްސަލަ ބަލައިގަނެވުނު ނަމަވެސް، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމުގައި، ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އުނިކަމެއް ހުރި ކަމަށް ބުރަވެވޭތީ މައްސަލަ ބެލެން ނެތް ކަމަށް ކޯޓުން ނިންމާފައިވެއެވެ.