އިނގިރޭސި ލީގުގައި ރެލިގޭޝަން ޒޯނާ ގާތުގައި އޮތް އާސެނަލުން ޗެލްސީ ބަލިކޮށްފި އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އާސެނަލުން ކުރިހޯދީ 3-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު އާސެނަލަށް ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދިނީ އެލްކެސްސެންޑަރ ލަކަޒޭޓްއެވެ. މިއީ ލަކަޒޭޓް މި ސީޒަންގައި އާސެނަލަށް ޖަހައިދިން 6 ވަނަ ލަނޑެވެ. ދެވަނަ ލަނޑު ހިތްގައިމު ހިލޭޖެހެމަކުން ގްރޭނިޓް ޒަހާ ކާމިޔާބުކޮށްދިން އިރު ތިންވަނަ ލަނޑު ކާމިޔާބުކޮއްދިނީ ބުކަޔޯ ސަކާއެވެ.
ޗެލްސީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޓަމީ އަބްރަހަމްއެވެ. މި ލަނޑަށްފަހު މެޗު އިތުރުވަގުތުގެ ތެރޭގައި ޗެލްސީއަށް ލިބުނު ޕެނެލްޓީއެއް އެޓީމަށް ވަނީ ކާމިޔާބުކުރޭވޭ ގޮތް ނުވެފައެވެ. ޖޯގީނިއޯ ފޮނުވާލި ޕެނެލްޓީ އާސެނަލްގެ ކީޕަރު ބާންޑް ލެނޯ ވަނީ ދިފާއުކޮށްފަ އެވެ. ޖޯގީނިއޯ ވެފާވަނީ އެއްސީޒަނެއްގެ ދެ ޕެނެލްޓީ ކާމިޔާބުނުކުރެވުނު ޗެލްސީގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެންމެ ފަހުން އާސެނަލާ ދެކޮޅަށް ކުޅުނު 17 މެޗުގެ ތެރެއިން ޗެލްސީ ބަލިވެފަވަނީ 2 މެޗުންނެވެ. މިއީ ލީގުގައި 8 މެޗަށްފަހު އާސެނަލުން ހޯދި ފުރަތަމަ މޮޅެވެ. ލީގުގައި އެންމެފަހުން އާސެނަލް އަމިއްލަ ދަނޑުގައި މޮޅުވީ ހުސްވި އޮކްޓޯބަރު މަހު ޝެފީލްޑާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
ރޭ ލީގުގައި ސައުތުހެމްޓަން އާއި ފުލަމް ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މި ނަތީޖާއެކު އާސެނަލް ވަނީ 15 މެޗުން 17 ޕޮއިންޓް ހޯދާ ލީގުގެ 14 ވަނައަށް ކުރިޔަށްޖެހިލާފައެވެ. ޗެލްސީ ބަލިވުމުން އެޓީމު ވަނީ ލީގުގެ 7 ވަނައަށް ވެއްޓިފައެވެ. ރޭގެ މެޗު އެއްވަރުވުމުން ސައުތުހެމްޓަން ވަނީ ނުވަވަނައަށް ވެއްޓިފައެވެ.