ޓުއަރިޒަމް ޕްރޮމޯޝަނަށް އެކަށީގެންވާ ވަރުގެ ބަޖެޓެއް އަންނަ އަހަރަށް ލިބޭނެ: ފައިސަލް

ޓުއަރިޒަމް ޕްރޮމޯޝަނަށް އެކަށީގެންވާ ވަރުގެ ބަޖެޓެއް އަންނަ އަހަރަށް ލިބޭނެ: ފައިސަލް

ގުޅުންހުރި

އަންނަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ތާރީޚުގައި އެންމެ ވަރުގަދައަށް ޕްރޮމޯޝަން މަސައްކަތް ކުރެވޭނެ އަހަރު ކަމަށާއި، އެކަމަށް އެކަށީގެންވާ ވަރުގެ ބަޖެޓެއް އަންނަ އަހަރަށް ލިބޭނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އެކުލަވާލި ހާއްސަ ލޯގޯ އާއި ބްރޭންޑިން އިފްތިތާހުކުރުމަށް ރޭ ބޭއްވި ހަފުލާގައި މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ރާއްޖެ ޕްރޮމޯޓްކުރުމަށް އެކަށީގެންވާ ފައިސާ ލިބޭނެއެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއްކަން އަދި ރާއްޖޭގެ 50 އަހަރުގެ ޓޫރިޒަމްގެ ތާރީހުގައި ނުކުރެވިވާ މިންވަރަށް ރާވާފައިވާ މަސައްކަތްތަކުގެ ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިހާރުވެސް ދުވާލަކު އެވްރެޖްކޮށް 5,500 ފަތުރުވެރިން ޒިޔާރަތްކުރަމުންދެއެވެ. އަދި އަހަރު ނިމުމުގެ ކުރިން ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.

ޓޫރިޒަމް ތަރައްގީ ނުވާ ސަރަހައްދުތަކަށް ފަތުރުވެރިކަން ތައާރަފުކުރުމާއި އެހެން ސަރަހައްދުތަކުގައި އިތުރަށް ފުޅާކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި، އެގޮތުން ކޮންމެ އަތޮޅަކަށް ޓޫރިޒަމްގެ މާސްޓަރ ޕްލޭނެއް އެކުލަވާލާނެ ކަމަށް ފައިސަލް ވިދާޅުވެފައިވެއެވެ. މި ޕްލޭނަކީ ކުރިއަށް އޮތް 10 ނުވަތަ 15 އަހަރަށް އެކުލަވާލެވޭ ޕްލޭނެއް ކަމަށާއި، މީގެ ތެރޭގައި ކޮންމެ އަތޮޅަކުން ރިސޯޓު ތަރައްގީކުރާނެ ރަށްތަކާއި، ގެސްޓްހައުސްގެ ގޮތުގައި ތަރައްގީކުރާނެ އެނދުގެ އަދަދުގެ އަމާޒުތަކާއި، ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތައް ތަރައްގީކުރުމުގެ ވިސްނުންތައް ހިމެނޭނެއެވެ.

މީގެ އިތުރުން، ރެސްޓޯރަންޓާއި، ލޯންޑްރީ ސަރވިސް އަދި ވޯޓަރ ސްޕޯޓްސް ސެންޓަރުތަކުގެ ވިޔަފާރީގައި ދިވެހި ޒުވާނުންނަށް ފުރުސަތު އިތުރުކުރުމަށް ވެސް ރޭވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް 100-200 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ރާއްޖޭގެ ބޭންކުތަކާއި ބޭރުގެ ބައެއް މާލީ އިދާރާތަކާ މަޝްވަރާކުރެވެމުންދާ ކަމަށްވެސް ފައިސަލް ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ