ހައްޔަރުކުރި ޖަލު އޮފިސަރުންގެ ތެރެއިން 4 އޮފިސަރަކާއެކު ވަނީ އިއުތިރާފުގެ އެއްބަސްވުން ހަދާފަ

ހައްޔަރުކުރި ޖަލު އޮފިސަރުންގެ ތެރެއިން 4 އޮފިސަރަކާއެކު ވަނީ އިއުތިރާފުގެ އެއްބަސްވުން ހަދާފަ

Author
ހުސައިން
22 އޮކްޓޯބަރ 2024 08:42
0

މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދައި، ފައިސާގެ ގިނަ މުއާމަލާތްތަކެއް ހިންގި މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހުން ބަންދުން ދޫކޮށްލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިއުތިރާފުގެ އެއްވަސްވުން ހަދާފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ހާމަކުރެއްވި ގޮތުގައި، މިދިޔަ ޖޫން މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން 73 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކި ފަހަރުމަތިން ހޯދި މައްސަލައިގައި 19 މީހެއްގެ މައްޗަށް ތަހުގީގު ހިންގާފައިވެއެވެ. އޭގެތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިސާ ހޯދި މައްސަލައިގައި ކުށް ސާބިތުވާ ވަރަށް ހެކި ލިބިގެން ހަތަރު މީހެއްގެ މައްސަލަ ޕީޖީއަށް ހުށަހަޅާފައިވެއެވެ.

މި އޮފިސަރުން ހައްޔަރުކުރެވުނީ އެމީހުންނަށް މުސާރައިގެ ގޮތުގައި ލިބޭ ފައިސާއާ ނުބައްދަލު ބޮޑު އަދަދެއްގެ ފައިސާ އެމީހުންގެ އެކައުންޓުތަކަށް ޖަމާވެފައިވާކަން އެނގުމާ ގުޅިގެންނެވެ. އަދި މި ފައިސާއަކީ އެއްވެސް ވިޔަފާރިއަކާ ގުޅިގެން ލިބެމުންދާ ފައިސާއެއް ނޫންކަން ސާބިތުވުމުންނެވެ. ކޯޓުން އެ އޮފިސަރުން ބަންދުން ދޫކޮށްލާފައިވަނީ ޓެކްނިކަލް ކަމަކަށް ރިއާޔަތްކޮށް، ދިފާއީ ވަކީލުން ނެގި މައްސަލައަކާ ގުޅިގެންނެވެ.

އިހުސާން އިތުރަށް ވިދާޅުވި ގޮތުގައި، އެމީހުން އިތުރަށް ހައްޔަރަށް ނަގަން ނިންމާފައި ނުވަނީ އިއުތިރާފުގެ އެއްބަސްވުން ހަދާފައިވުމާއި، މިވަގުތު ޑިއުޓީގެ އެއްވެސް ޒިންމާއެއް އަދާނުކުރާ ގޮތަށް ހަމަޖައްސާފައި ތިބުމާ ގުޅިގެންނެވެ.

މި މައްސަލައިގައި ދައުވާ ކުރާ ހަތަރު މީހުންގެ ޝަރީއަތް މިހާރު ފަށައި، އެ މައްސަލަ ވެސް ދަނީ ޖިނާއީ މައްސަލަތައް ކުރިއަށް ގެންދާ ސްޕީޑުގައެވެ. އަދި ޔުނީފޯމުގެ އަގުވައްޓާލާ މީހަކު އަނބުރާ މަގާމުގައި ނުބަހައްޓާނެ ކަމުގެ ޔަގީންކަން އިހުސާން ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.