ނެޝަނަލް ޑްރަގް އޭޖެންސީ އާއި ފުލުހުން ގުޅިގެން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ކުށްތަކަށް އަރައިގަންނަ މީހުން ބަންދުކުރުމަށް ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ޑްރަގް އެންފޯސްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ މި އޮޕަރޭޝަނުގެ ދަށުން ބަންދުކުރެވެނީ މަގުމަތީގައި ސަލާންޖަހާ މީހުންނާއި، ވައްކަމާއި ފޭރުންފަދަ ކުށްތަކަށް އަރައިގަންނަ މީހުންނާއި، މަގުމަތީގައި މަސްތުގެ ހާލަތުގައި ތިބޭ މީހުންނާއި، އަދި މިސްކިތްތަކުގައި ނިދާ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށެވެ.
ނާހިދު އިތުރަށް ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނުގެ ދަށުން މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 14 މީހުން ވަނީ ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރެއްގައި ބަންދުކޮށްފައެވެ.
އަދި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން މި ފަރާތްތައް ބަންދުން ދޫނުކޮށް، ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ކަމާބެހޭ އިދާރާތަކާއެކު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރުގެ ވަސީލަތްތައް ވަނީ ކ. ހިންމަފުށްޓާއި ހުޅުމާލޭގައި ޤާއިމުކޮށްފައެވެ.
ކޮމެންޓު ފޮނުވާ