ސައިބަރ ކުށްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގަ ކާމިޔާބީތަކެއް ވަނީ ހާސިލްކުރެވިފައި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުގެ މީސްމީޑިއާ މަންސަތައް ތައާރަފުކޮށްދެއްވާ ދެއްވި ބަސްދީގަތުމެއްގައި ސީޕީ ވިދާޅުވީ ސައިބަރ ކުށްތައް ތަހުގީގު ކުރުމުގެ ގާބިލްކަން ދުވަހެއް ދުވަހަކަށް ދަނީ އިތުރުކުރެވެމުން ކަމަށެވެ.
އަދި އަމާޒަކީ އެންމެނަށް ރައްކާތެރި ސައިބަރ މާހައުލެއް ކަށަވަރުކުރުން ކަމަށާއި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ގާއިމްކޮށް ސްޓްރެޓެޖީތައް ތަންފީޒުކޮށް ރާއްޖެއަކީ ޑިޖިޓަލް މުއާމަލާތްތަކަށް ރައްކާތެރި ތަނެއްގެ ގޮތުގައި ދެމިއޮތުން ކަމަށް ސީޕީ ވިދާޅުވިއެވެ.
އޮކްޓޫބަރު މަހަކީ އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ބައިނަލްއަގުވާމީ މަހުގެ ގޮތުގައި ފާހަގަކުރާ މަހެވެ.
މި މަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ސައިބަރ ކުށްތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މުހިންމުކަން ރައްޔިތުންނަށް ބުނެދިނުމާއި މި ފިޔަވަޅުތައް އެޅުމަށް މުޖުތަމަޢުގެ ގިނަ ބަޔަކު ހޭލުންތެރިކުރުވާ އެކަމަށް ބާރު އެޅުން ކަމަށް ސީޕީ ވިދާޅުވިއެވެ.
އިންޓަރނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުގެ ނުރައްކާ މިހާރު އޮތް މިންވަރާ މެދު ކަންބޮޑުވާންޖެހޭކަން ފާހަގަކުރައްވާ ސީޕީ ވަނީ ސްކޭމްގެ އެކި ހަމަލާތަކުގެ ޝިކާރައަކަށްވާ މީހުން ގިނަ ކަމަށް ވިދާޅުވެފައެވެ.
ހޭލުންތެރިވެ މިފަދަ ކަންކަން ދެނެގަތުން ދަސްކުރުމަކީ މިފަދަ ކުށްތަކުން ރައްކާތެރިވުމަށް އެޅޭނެ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިޔަވަޅު. ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު
މީގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގޭ ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ގިނަ މައުލޫމާތު ފުލުހުންގެ ސައިބަރ ކުށްތައް ތަހުގީގުކުރާ ބަހާގަ އަލަށް އުފެދިގެންދާ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ސީޕީ ވަނީ ދެއްވާފައެވެ.މި މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ ސައިބަރ ކުށްތައް ހިނގާ މާހައުލުގަ ހަރަކާތްތެރިވާ އަދި ޑިޖިޓަލް ޕްލެޓް ފޯމްތައް ބޭނުންކުރާ ފަރާތްތަކަށް ހޭލުންތެރިކަމުގެ މައުލޫމާތު ލިބިގެންދިޔުންކަން ސީޕީ ފާހަގަކުރެއްވިއެވެ.
ސައިބަރ ކްރައިމް ސެންޓަރުގެ މީސްމީޑިއާ މަންސަތައް މެދުވެރިކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ތަފާތު މައުލޫމާތު ހިއްސާކުރާނެއެވެ. އެގޮތުން، ސައިބަރ ކްރައިމް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް މަސައްކަތްކުރާނެ ގޮތާއި، މިފަދަ ކުށްތައް ކުރާ މީހުން ބޭނުންކުރާ އެންމެ ފަހުގެ އުކުޅުތަކުގެ މައުލޫމާތު ވީޑިއޯ އަދި ޕޯސްޓުތައް މެދުވެރިކޮށް ހިއްސާކުރާނެއެވެ.