އުމުރުން 45 އަހަރު ނުވާ އަންހެނުންނަށް މަހުރަމަކާ ނުލައި އުމްރާއަށް ދިއުމުގެ ފުރުސަތު ލިބޭގޮތަށް ހަދައިފި

އުމުރުން 45 އަހަރު ނުވާ އަންހެނުންނަށް މަހުރަމަކާ ނުލައި އުމްރާއަށް ދިއުމުގެ ފުރުސަތު ލިބޭގޮތަށް ހަދައިފި

Author
ހުސައިން
12 އޮކްޓޯބަރ 2024 06:57
0

އުމުރުން 45 އަހަރު ނުވާ އަންހެނުންނަށް މަހުރަމަކާ ނުލައި އުމްރާއަށް ދިއުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އެންގެވުމާ އެއްގޮތަށެވެ. ކުރިން އަމަލުކުރަމުން އައި އުސޫލުގައި 45 އަހަރުން ދަށުގެ އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ދިއުން މަނާކުރާ މާއްދާއެއް ހިމެނިފައިވިއެވެ. ނަމަވެސް، މިހާރު އެ މާއްދާ އުވާލުމަށް ވަޒީރު އަންގަވާފައިވެއެވެ.

މި ބަދަލު ގެނައުމުގެ މައިގަނޑު ސަބަބަކީ ސައުދީ އަރަބިއްޔާއިން ފަހަކަށްއައިސް ގެނެސްފައިވާ ބަދަލެކެވެ. ސައުދީ އަރަބިއްޔާއިން ވަނީ އަންހެނުންނަށް މަހުރަމަކާ ނުލައި އުމްރާއަށް ދެވޭނެ ގޮތަށް އެ ޤައުމުގެ ޤަވާއިދުތައް ބަދަލުކޮށްފައެވެ. މިއީ 2022 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އުސޫލަށް ގެނެވުނު މުހިންމު ބަދަލެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު އާންމުކުރި އާ އުސޫލުގައި މި ބަދަލު ވަނީ ހިމަނާފައެވެ. އަދި މި އައު އުސޫލަކީ އުމްރާއަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ކުންފުނިތަކަށްވެސް ކުރިއަށްވުރެ ފަސޭހަވާނެ ގޮތަށް އެކުލަވާލެވިފައިވާ އުސޫލެއްކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

މި ބަދަލާއެކު، އަންހެނުންނަށް އުމްރާއަށް ދިއުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.